ރައްޔިތުންގެ މަޖިލިސް / ރައްޔިތުންގެ މަޖިލިސް
ހަބަރު
މަޖިލިސް އިންތިހާބު ފަސް ކުރާ ބިލް ތަސްދީގު ނުކުރާތީ ކުއްލި މައްސަލައެއް
Fathmath Reem
ފާތުމަތު ރީމް
21 ފެބްރުއަރީ 2024
މާލެ ސިޓީ

ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހު ދިމާވާތީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްހާލު ގެނައުމުގެ ބިލް ތަސްދީގު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ބުދަ ދުވަހު ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ މަޖިލިހަށް ހުށައަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ.

ވައްޑެގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށްއިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެންނަމަވެސް ބިލް ތަސްދީގު ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް މިއަދާ ހަމައަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ބިލް ތަސްދީގު ނުކުރައްވައި މަޖިލިހަށް އަނބުރާ ފޮނުވާލުމުގެ ބަދަލުގައި ވަގުތު ބޭކާރުކޮށް ބިލް ހިފަހައްޓަވައިގެން ހުންނަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް މާރޗު މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

މީގެ އިތުރުން ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި ބިލު ތަސްދީގުނުކުރައްވައި ހިފަހައްޓައިގެން ހުންނެވުމުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނެ ރަސްމީ ތާރީހާ މެދު އޮޅުންބޮޅުން އަރާނެ ކަމަށާއި މިއީ ކަންބޮޑު ވާ ކަމެއް ކަމަށެވެ.

މަޖިލިހުގެ އިންތިހާބު ރޯދަ މަހާ ދިމާވާތީ ރޯދަ މަހުގެ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ވަނީ ބިލް ފާސްކޮށްފައެެވެ. ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި ރައްޔިތުން މަޖިލީހުން ވަނީ ބިލް ފާސްކޮށްފައިވަނީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ދިމާވާނެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެމްބަރުންގެ ތެރެއިން 23 މެމްބަރަކު ވޯޓާއެކުގައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved