ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެގައުމުން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ ސައުދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ދެ މަސްދަރަކުން ބުދަ ދުވަހު އޭއެފްޕީ ނޫސް އެޖެންސީ އަށެވެ.
އިރާނަށް ވެސް ވަނީ ސައުދީގެ އެއްވެސް ސަރަހައްދެއް ބޭނުން ނުކުރަން އަންގާފައެވެ. މެސެޖު އީރާނަށް ފޮނުވާފައި ވަނީ، އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށް އީރާނު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާ އިން ރައްދު ދީފާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ.
ހަމަ އެއާ އެކު، އީރާނަށް ހަމަލާ އެއް އަތުވެއްޖެ ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދާ އުފުލާ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް ތެހެރާނުން ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި މަރުކަޒުތައް ގަލްފު ސަރަހައްދުގައި ގާއިމުވެފައިވާއިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ ގައި ހުރި މަރުކަޒުތައް ވެސް ހިމެނެ އެވެ.