theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަލަސްތީނުގެ ގާގައި ސަހްޔޫނީން ސިފައިން ހަރަކާތްތެރިވަނީ: މިފަހުން ވަނީ ސިފައިންގެ ހަ މީހަކު ގާޒާގައި މަރާލާފައި. -- ފޮޓޯ: އ / އޭއެފްޕީ
ދުނިޔެ
އެމެރިކާގެ ބައިވެރިވުން އޮވެގެން ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމު ހުއްޓަން އުޅޭ އަޑުތަކެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 ޖޫން 2025
މާލެ ސިޓީ

ގާޒާގައި އެމެރިކާ އާއި އިސްރާއީލުން ކުރިއަށް ގެންދާ ގަތުލްއާންމު ހުއްޓާލަން ވިސްނާ ކަމުގެ ވާހަކަތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ ގޮތުގައި އޭނާ މިހާރު ވަނީ ހަމާސް އާއި ސަހްޔޫނީންނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުންދާ މީހުންނާ ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އަންނަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

ޓްރަމްޕު މިދިޔަ ހަފްތާގައި ވެސް ވަނީ ގާޒާއާ ގުޅޭ ގޮތުން އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބިދާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އޭރު ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށެވެ.

އެމެރިކާގެ ބައިވެރިވުން އޮވެގެން ގާޒާގައި ހިންގަމުން އަންނަ ގަތުލްއާންމު ހުއްޓަން އުޅޭ އަޑުތަކެއް ފެތުރިފައި މިވަނީ މިފަހުން އީރާން އާ ދެކޮޅަށް ސަހްޔޫނީން ފެށި ހަނގުރާމައިގައި އެވެރިންނަށް ބޮޑު ގެއްލުމެއް ލިބި ނަތަންޔާހޫގެ ސަރުކާރަށް ރައްޔިތުންގެ ފިއްތުން ކުރިމަތިވެފައި ވަނިކޮށެވެ. އަދި ގާޒާ ތެރެއިން ސަހްޔޫނީންގެ 6 ސިފައިން މުޖާހިދުންގެ އަތްދަށުވެ މަރުވި ކަމުގެ ހަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ.

ސަހްޔޫނީންގެ އަސްކަރީ ހަބަރުތައް ގެނަސްދޭ ސަހްޔޫނީންގެ އާމީ ރޭޑިއޯ ބުނި ގޮތުގައި ޣައްޒާގައި އިއްޔެ މަރާލި ހަތް ސިފައިންގެ ތެރޭގައި ހިމެނެނީ ސިފައިންގެ އިސް އޮފިސަރަކާއި އާދައިގެ ސިފައިންގެ ހަ މީހެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވެހިކަލަށް ދިން ހަމަލާ އާއި އެ ހަމަލާއަށް ފަހު އެހީވާން ދިޔަ މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ އަށް މީހަކު ވަނީ މަރާލައިފަ އެވެ. އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ މި ހަމަލާ ދިން މަންޒަރުތައް އާންމުކޮށްފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ސިފައިންގެ ބަޔަކު ހިނގާފައި ދަނިކޮށް ބަޑިން ހަމަލާ ދިނުމުން އެތަނުން އެކަކު ވެއްޓެ އެވެ. އަދި އެ މީހާ އިމާރާތެއްގެ ތެރެއަށް ވައްދާތީ ފެނެ އެވެ. އަދި އިމާރާތުގެ ތެރޭގައި ސިފައިން ތިއްބާ އެތަނަށް ވެސް ހަމަލާދެ އެވެ. ހަމަ މި ވީޑިއޯގައި އިޒްރޭލު ސިފައިންގެ އިންޖިނިއަރުން ތިބި ވެހިކަލެއްގައި ގޮވާ އެއްޗެއް ހަރުކުރާ ތަނާއި އެ ގޮވުމާ އެކު ރޯވާ މަންޒަރު ވެސް ފެނެ އެވެ.

ގާޒާގައި ސަހްޔޫނީން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހުއްޓާލަން ނަތަންޔާހޫ ދެކޮޅު ހަދަނީ ގާޒާގައި އޭނާ ހިންގާ ޖަރީމާތައް ހުއްޓާލައިފިނަމަ އޭނާގެ ވެރިކަން ވެއްޓި ޖަލަށް ދާންޖެހިދާނެކަމުގެ ބިރަށްކަމަށް ސަހްޔުނީންގެ އިދިކޮޅު ލީޑަރު ޔައިރު ލެބެޑް ބުނެފައިވެ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ސަހްޔޫނީންނަށް ހަމަލާދީ 1،419 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ ސަހްޔޫނީން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ގާޒާއިން މިހާތަނަށް 56،341 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved