

ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ކަމަށް އިންޒާރުދީ، ސަހްޔޫނީންނާއި އެކު ވިޔަފާރި ކުރުން ހުއްޓާލުމަށް އދ ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒް ކުންފުނިތަކަށް ގޮވައިލައިފި އެވެ.
އދ އިން މިހާރު ވަނީ ވެއެތުވެދިޔަ 75 އަހަރު އިޒްރޭލުން ބައިނަލްއަގުވާމީ އެތައް ގާނޫނަކާއި ހިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި، އެ ތަންތަނަށް ބާރުފޯރުވައި، މިދިޔަ ދެތިން އަހަރު ހިންގަމުންދާ ނަސްލުހޭދަކުރުމުގެ އަމަލުތަކަށް ވާގިވެރިވާ ވިޔަފާރި ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފަ އެވެ.
ޖުމްލަ 48 ކޯޕަރޭޓް ކުންފުނި ހިމެނޭ މި ލިސްޓުގައި އެމެރިކާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ މައިކްރޮސޮފްޓް، ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓް، އަދި އެމެޒަން ހިމެނެ އެވެ. މި ލިސްޓުގެ އިތުރުން ވެސް އަލްބަނީޒް ގެ ރިޕޯޓުގައި ސަހްޔޫނީންނަށް އެކި ގޮތްގޮތުން އެހީތެރިވެދޭ 1000 އަށްވުރެ ގިނަ ކުދި ކުންފުނިތަކުގެ ޑޭޓާ ބޭސް އެއް ވެސް ހިމެނެ އެވެ.
މީގެތެރެއިން އަސްކަރީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ އެހީތެރިކން އަދި ކަރަންޓާއި ދަނޑުވެރިކަން އަދި ފައިނޭންސިންގެ އިތުރުން ހިފާފައިވާ ބިންތަކުގައި އިމާރާތް ކުރުމުގައި އެހީތެރިވާ ކުންފުނިތައް ފާހަގަވެ އެވެ.
އދ ގެ މާހިރު، ފްރާންސެސްކާ އަލްބަނީޒް ކުންފުނިތަކަށް ގޮވައިލާފައިވަނީ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގާ ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ކަމަށް އިންޒާރުދީ، ސަހްޔޫނީންނާއި އެކު ވިޔަފާރި ކުރުން ހުއްޓާލުމަށެވެ.
އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސަހްޔޫނީންގެ ނަސްލުހޭދަ ކުރުމުގެ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ދަނީ މިފަދަ ބޮޑެތި ވިޔަފާރިތަކަށް އެކަމުން ފައިދާވާތީ އެވެ. އެ ހަމަލާތައް ދިގުދެމިގެންދާ ކޮންމެ ދުވަހަކުން އެތައް ސަތޭކަ މިލިއަނަކުން މި ކުންފުނިތަކަށް ފައިދާވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަސްލު ނައްތާލުމުގެ އަމަލުގައި ކުންފުނިތައް ނުސީދާކޮށް ބައިވެރިވުމަށް ވުރެ ބޮޑަށް އޮތީ ނަސްލު ނައްތާލުމުގެ އިގްތިސާދަކާ ލާމެހިފައި،.
ވިޔަފާރިތަކުން އިންސާނީ ހައްގުތަކަށް އިހްތިރާމުކާކަން ކަށަވަރުކޮށް އެކަންކަން ތަހުގީގުކޮށް، އަދަބު ދިނުމަކީ ދައުލަތްތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް އަލްބަނީޒް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކުންފުނިތަކުން، ދައުލަތުން ކަންކަން ބެލިޔަސް އަދި ނުބެލިޔަސް، އަމިއްލަ ގޮތުން ވެސް މި ހައްގުތައް ކަށަވަރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަހްޔޫނީން ކޮންމެ ދުވަހަކު ވެސް މިހާރު އެތައް ބަޔަކު ޝަހީދުކުރަމުން ގެންދާއިރު މިދިޔަ 20 މަސް ދުވަސް ތެރޭ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 56،831 އަށް އަރައިފަ އެވެ.