

ފަލަސްތީނުގެ އެކި ސަރަހައްދު ތަކަށް ގަދަކަމުން ވަދެގަނެގެން އުޅޭ ސަހްޔޫނީންގެ އަސްކަރީ ސިފައިން ޣައްޒާގެ އުތުރުގައި ހަރަކާތްތެރިވަނިކޮށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސްގެ އަތްދަށޫވެ ޔަހޫދީ ސިފައިންގެ ފަސް މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބައިތު ހަނޫންގައި ސަހްޔޫނީން ސިފައިން ގޮވައިގެން ދަތުރުކުރި އަސްކަރީ ވެހިކަލެއް ގޮއްވާލައިގެން ދިން މި ހަމަލާގައި މަދުވެގެން ހަ މީހަކު ވަނީ މަރާލައިފަ އެވެ. އަދި ސިފައިންގެ އެކަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަމަލާއަށް ފަހު ސިފައިންނަށް އެހީވާން ދިޔަ ޓީމަށް ވެސް އިތުރު ހަމަލާއެއް ދީފައިވެ އެވެ.
ސަހްޔޫނީންގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންނާ ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި މުޖާހިދުން ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިމިވަނީ ހަމާސް އާއި ސަހްޔޫނީންގެ ހަނގުރާމަ ހުއްޓާލުމަށް ގަތަރުގައި ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފުރަތަމަ ބުރު ނިންމާލާފައިވާ ކަމުގެ ރިޕޯޓްތައް ބުނެފައި ވަނިކޮށެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ސަހްޔޫނީން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 57،000އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ.
އެ ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަމުގެ މައްސަލަ ކުރިމަތިވެ، ގިނަ ބައެއްގެ ގެދޮރު ގެއްލި، މައިގަނޑު ގޮތެއްގައި ޣައްޒާ ވަނީ ސުންނާފަތިވެފަ އެވެ.