

ރަތް ކަނޑު ހުރަސްކޮށް ސަހްޔޫނީންނަށް މުދާ އުފުލުމުގައި އުޅުނު ގްރީސްގެ މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ ހޫތީން ހަމަލަދީ އެ ބޯޓު ފައްތާލައިފި އެވެ.
މިހާދިސާގައި އެބޯޓުގެ ހަތަރު ފަޅުވެރިއަކުވަނީ މަރުވެފަ އެވެ. އަލްޖަޒީރާ ބުނާގޮތުން ހޫތީން ހަމަލާދިން ބޯޓަކީ "އެމްވީ މެޖިކް ސީސް" ނަމަކަށް ކިޔާ ބޯޓެކެވެ. އެއީ ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ ލައިބީރިޔާގައި ރަޖިސްޓްރީ ކޮށްފައިވާ އާގު ބޯޓެކެވެ.
އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވަނީ މި ބޯޓު ފެތިފައިވަނީ ޔަމަނުގެ ހުދައިދާގެ ހުޅަނގުން 51 ނޯޓިކަލް މޭލު ދުރަށްކަމަށެވެ.
ބޯޓަށް ހަމަލާދިނީ ޑްރޯން އާއި ރޮކެޓް ބޭނުންކޮށްގެންނެވެ. އެބޯޓަށް ޑްރޯން އިން އެތަށްފަހަރަކު ވަނީ ހަމަލާދީފަ އެވެ.
ޔަމަނުގެ ވެރިރަށް ސަންއާ އާއި ރެޑް ސީގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލްކުރަމުން އަންނަ ހޫތީން ބުނަނީ އެމީހުން ހަމަލާ ދެނީ ސަހްޔޫނީންނާއި އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅުން ހުރި ކަމަށް ހަނގުރާމަވެރިން ގަބޫލުކުރާ އުޅަނދުތަކަށް ކަމަށެވެ.
އަދި މި ދެ ގައުމުގެ އެހީގައި ބައެއް އެހެން ގައުމުތަކުގެ ބޯޓުތަކުން ވެސް ސަހްޔޫނީންނަށް އެހީ ގެންގޮސްދޭ ކަމަށެވެ. އަދި ހޫތީން ދޭ ހަމަލާތައް ހުއްޓާލާނީ ފަލަސްތީނަށް ގަދަބާރުން ވެރިވެގަނެފައިވާ ސަހްޔޫނީން އެތަނުން ފޭބުމުން ކަމަށެވެ. އަދި ގާޒާގެ ރައްޔިތުންނަށް ކާނާއާއި ސާފު ފެން އަދި ދިރިހުރުމުގެ އަސާސީ ހައްގުތަކަށް ފުރުސަތު ލިބޭ ނަަމަ ކަމަށެވެ.
ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން، ހޫތީންގެ ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.