

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއަށް ފުރައްސާރަކޮށް، ފޭސްބުކްގައި ކުރި ޕޯސްޓު ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރިފާތު،ޑިލީޓް ކޮށްފިއެވެ.
"ނަސީބެއްނު، މުންޑެއް ލައިގެން ނައިކަން،" ރަސްމީ ދަތުރެއްގައި އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވި ޑިސަނަޔެކެއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔުމަށް އިއްޔެ މެންދުރު ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ވަގުތު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާއެކު ހުންނެވި ފޮޓޯއަކާއެކު ރިފާތު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
ރިފާތު މި ޕޯސްޓު ޑިލީޓް ކުރެއްވީ މި ކޮމެންޓް ކުރެއްވުމާ ގުޅިގެން ގިނަ ބެއެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.
ލަންކާގެ ރައީސްއަށް ނިސްބަތްކޮށް ރިފާތު ފުރައްސާރައިގެ ކޮމެންޓެއް ކުރެއްވީ ރާއްޖެ ވަޑައިގެންނެވިއިރު ކޯޓު ފަޓުލޫނުގެ ބަދަލުގައި، އެ މަނިކުފާނުގެ ރަސްމީ ހެދުމުގައި ހުންނެވުމުންކަން ފާހަގަކުރެވެއެވެ.
ރިފާތުގެ ކޮމެންޓާ ގުޅިގެން ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމުގައިވާ މަރިޔަމް ޝިއުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޔަވަޅު އެޅުމަށް ގޮވައިލަމުން ޕޯސްޓެއްގައި ވިދާޅުވީ "ސަރުކާރުގެ މަގާމުތަކުގައި ތިބެ ލަންކާ ރައީސް އަށް ފުރައްސާރަ ކުރި އެންމެންނަށް ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.
މި ސަރުކާރު ފެށުނުއިރު ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިއުނާ، އެމްއޭސީއެލްގެ އިސް މަގާމަކަށް އައްޔަން ކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާކޮށް ކުރި ކޮމެންޓާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑުކޮށްފައި ބެހެއްޓުމަށް ފަހު އެވެ.