

ދިވެހިރާއްޖޭއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަވައްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ފުރަމާނަ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ޑިސަނަޔަކެ ރާއްޖެ ވަޑައިގަތީ މިއަދުން ފެށިގެން މި ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.
ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ. ސްރީލަންކާގެ ރައީަށް ވެލާނާ އިންޓަރނޭޝަަނަލް އެއާޕޯޓު ރަސްމީކޮށް މަރުހަބާ ވިދާޅުވީ ވެސް ރައީސް މުއިއްޒެވެ.
ދެ ގައުމުގެ ދޭތެރޭގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށާއި ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް މަޝްވަރާ ކުރެއްވުމަށް ލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހަމަޖެހިފައެވެ.
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
މިދިޔަ ފެބްރުއަރީ މަހު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ޑިސަނަޔަެގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ލަންކާގެ ދޭދޭ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ގުޅުން ވަރުގަދަކުރެވޭނެ އިތުރު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965، ގަ އެވެ. އެހެންކަމުން މި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުމާ އެކު އެކީގައި ލަންކާއާ ރާއްޖޭގެ ގުޅުމަށް ވެސް 60 އަހަރު ފުރޭ އަހަރެވެ.