

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރިފާތު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެއަށް ފުރައްސާރަކުރި މައްސަލައިގައި އޭނާއަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އެނގިއްޖެ އެވެ.
ރިފާތަށް މިހާތަނަށް ރައީސް އޮފީހުން ވެސް ނުވަތަ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވެސް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
"ނަސީބެއްނު، މުންޑެއް ލައިގެން ނައިކަން،" ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި ޑިސަނަޔެކެ އަށް ރަސްމީ އިއްޒަތުގައި މަރުހަބާ ކިޔުމަށް ހޯމަ ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ހުންނެވި ފޮޓޯއަކާއެކު ރިފާތު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
ލަންކާގެ ރައީސްއަށް ނިސްބަތްކޮށް ރިފާތު ފުރައްސާރައިގެ ކޮމެންޓެއް ކުރެއްވީ ރާއްޖެ ވަޑައިގެންނެވިއިރު ކޯޓު ފަޓުލޫނުގެ ބަދަލުގައި، އެ މަނިކުފާނުގެ ރަސްމީ ހެދުންކޮޅުގައި ހުންނެވުމުންނެވެ.
ލަންކާގެ ރައީސަށް ނިސްބަތްކޮށް ރިފާތު ކުރެއްވި ޕޯސްޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ބައެއް މީހުން ވަނީ ރިފާތަށް ފިޔަވަޅު އެޅުމަށް ގޮވައިލާފަ އެވެ.