

ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ކާރިސާއެއް އިއުލާންކޮށް، އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރުކޮށް އަވަސް ފިޔަވަޅު އަޅާދިނުމަށް ޣައްޒާގެ ޗެރިޓީ ޔޫނިއަނުން ގޮވާލައިފިއެވެ.
މިގޮތުން، ޣައްޒާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގެ ތެރޭގައި ތާށިވެފައިވާ އިރު، ބަނޑުހައިހޫނުކަމާއި، ފަގީރުކަމާއި، ދުވާލަަކަށް އެތަކެއް މަރުތައް ރިޕޯޓްކުރަމުން އަންނަ ކަމަށް އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން އާންމުކުރި އާ ދިރާސާއަކުން ވަނީ ދައްކައިފިއެވެ.
ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު ދުވަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުން ކަމަށާއި ހަށިގަނޑަށް ނުރައްކާވާ ބަލިތައް ފެތުރި ފަރުވާ ކުރެވޭނެ ގޮތެއް ނެތް ކަމަށާއި، ކާބޯތަކެތީގެ ބާވަތްތައް ނުލިބި އެތައް ސަތޭކަ ހާސް ބަޔަކު އެތައް ދުވަހެއް ވަންދެން ދިރިއުޅެމުންދާތީ، މިހާރުން މިހާރަށް ފުޅާ ދާއިރާއެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް އދގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި ޔުނިސެފާއި، ޔުނައިޓެޑް ނޭޝަންސް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ފާހަގަކޮށްފައެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ޣައްޒާގެ ގަވަރުނަރޭޓްއިން ފެށިގެން ދީރް އަލް ބާލާހް އާއި ޚާން ޔުނިސް ގަވަރުނަރޭޓްސްއާ ހަމައަށް ކާރިސާގެ ހާލަތު ދިގުލައިގެން ދާނެ ކަމަށް ބެލެވެ އެވެ.
2023 އޮކްޓޯބަރު މަހުން ފެށިގެން ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން އަންނަ ގަތުލުއާންމުގައި ހަމަލާތައްދީ އެތަކެއް ބަޔަކު ޝަހީދުކޮށްފައިވާއިރު، ސަހްޔޫނީން މިހާރު އަންނަނީ ޣައްޒާ ހިސޯރުކޮށް ބަނޑުހައިހޫނުކަމުގައި ޣައްޒާ ރައްޔިތުން ބައިތިއްބާ މަރަމުންނެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކަށްވެސް ސަހްޔޫނީންގެ ހަމަލާތައް އަމާޒުވެފައިވާއިރު، އެހާ ހާލުން ެތެރެކުރެވޭ ސާމާނުތައްވެސް ލޫޓުވާ ޣައްޒާ ތެރޭގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.