

މިފަށާ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލިސް ބައްދަލުވުމަށް، ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ) އަދި ފަލަސްތީނުގެ އޮޓޮނޮމަސް އޮތޯރިޓީ (ޕީ.އޭ) ގެ މެންބަރުންނަށް ވިސާ ދިނުން ހުއްޓާލައި، އަދި ދީފައިވާ ވިސާތައް ބާތިލުކޮށްފި ކަމަށް އެމެރިކާއިން އިއުލާންކޮށްފިއެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޕީ.އެލް.އޯ އާއި ޕީ.އޭ އިން އެމެރިކާއަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުނުކޮށް، ސުލްހައިގެ މަގަށް ހުރަސްއަޅަމުންދާ ކަމަށެވެ.
އަދި މިކަންކަމަށް އެ ދެ ޖަމާއަތް ޖަވާބުދާރީ ކުރުވުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި މުހިންމު ކަމެއް ކަމުގައި ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް ބުނަމުންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ފަލަސްތީނުގެ އޮޓޮނޮމަސް އޮތޯރިޓީގެ ރައީސްގެ އޮފީހުން ވަނީ އެމެރިކާގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް އެމެރިކާގެ ސަރުކާރަށް މި ނިންމުން އަލުން މުރާޖައާކޮށް ބަދަލުކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށާއި އދ. ގެ ގަރާރުތަކަށް ފަލަސްތީނުން ފުރިހަމައަށް ތަބާވާނެ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލާފައެވެ.
ސަހްޔޫނީން ފަލަސްތީނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ސަހްޔޫނީންނަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަނީ އެމެރިކާއަށް ވާއިރު އެ ގައުމުން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށާއި އެހެން ގައުމުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.