

ޣައްޒާގައި ސަހްޔޫނީން ހިންގަމުން އަންނަ ހަނގުރާމައަކީ ނަސްލު ނައްތާލުމުގެ މިންގަނޑަށް ފެތޭ ކަންތައްތަކާ އެއްގޮތްވާ ކަމެއް ކަމަށް ބުނެ، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޖެނޮސައިޑް ސްކޮލާސް (އައިއޭޖީއެސް) އިން ގަރާރަކަށް ތާއީދުކޮށްފިއެވެ.
ތިން ސަފުހާގެ މައްޗަށް ހިމެނޭ އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، ޣައްޒާގައި ސަހްޔޫނީންގެ ސިޔާސަތުތަކާއި އަމަލުތައް، ނަސްލު ނައްތާލުން ހުއްޓުވުމާއި އެކަމަށް އަދަބުދިނުމާ ބެހޭ ގޮތުން 1948 ވަނަ އަހަރުގެ .ދ. ކޮންވެންޝަންގެ ދެވަނަ މާއްދާގައިވާ ނަސްލު ނައްތާލުމުގެ ގާނޫނާ އެއްގޮތް ކަމަށެވެ.
އައިއޭޖީއެސްގެ 500 މެންބަރުންގެ ތެރެއިން 28 އިންސައްތަ މެންބަރުން އެ ވޯޓުގައި ބައިވެރިވެފައިވާއިރު، ވޯޓު ދިން މެންބަރުންގެ ތެރެއިން 86 އިންސައްތަ މެންބަރުން ވަނީ އެ ގަރާރަށް ތާއީދުކޮށްފައެވެ.
އެ ގަރާރުގައި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
ކުޑަކުދިން ވެސް ހިމެނޭހެން، އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި، ބަނޑުހައިކަން ޖެއްސުމާއި، އިންސާނީ އެހީއާއި، ފެނާއި، ތެލާއި، އާބާދީގެ ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ތަކެތި ނުދީ ހިފެހެއްޓުމާއި، ޖިންސީ އަދި ނަސްލުއުފެއްދުމާ ގުޅުންހުރި އަނިޔާތަކާއި، ރައްޔިތުން ގަދަކަމުން ބަދަލުކުރުން ހިމެނެއެވެ.
އޮކްޓޯބަރު 7، 2023، އިން ފެށިގެން ސަހްޔޫނީން ވަނީ ފަލަސްތީނުގެ 100،000 އާ ގާތް ކުރާ އަދަދެއްގެ މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު 50،000 އަށް ވުރެ މަތީގައި އުޅޭއިރު، ސަހްޔޫނީންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 150،000 އަށް ވުރެ މަތިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.