ނޭޓޯއާ ގުޅުމަށް އޮތް އެންމެ ފަހުގެ ހުރަސް ސްވިޑެންއިން ވަނީ ހަންގޭރީގެ ޕާލަމެންޓުން ނޭޓޯއާ ގުޅެން ނެގި ފެންނަ ނުފެންނަ ވޯޓުން ފެންނަ ކަމަށް ނިންމުމުން ނައްތާލަފަ އެވެ.
ސްވިޑަން އިން ނޭޓޯ އިއްތިހާދުގައި ބައިވެރިވުމަށް އެދި ހުށަހެޅީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުންނެވެ.
ނޭޓޯއާ ގުޅެން ނޭޓޯގައި އެކުލެވޭ ކޮންމެ ގައުމަކުންވެސް ރުހުން ދޭން ޖެހޭއިރު، ހަންގޭރީން ވަނީ ސްވިޑެންއަކީ އެގައުމަށް އަދާވާތްތެރިވާ ބައެއް ކަމަށް ބުނެ ނޭޓޯއާ ސްވިޑަން ގުޅުން ލަސްކޮށްފަ އެވެ.
އެކަމަކު މިދިޔަ ހަފްތާގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބަން ވިދާޅުވީ ދެ ގައުމު މިހާރު ތިބީ "އެކަކު އަނެކަކަށްޓަކައި މަރުވާން ތައްޔާރަށް" ކަމަށެވެ.
ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަސަން ވިދާޅުވީ މިއީ "ތާރީޚީ ދުވަހެއް" ކަމަށާއި 200 އަހަރުގެ ނިއުޓްރަލިޓީ ދޫކޮށްލުމަށް ސްވިޑެންއަށް އެޅި "ބޮޑު ފިޔަވަޅެއް" ކަމަށެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ ހަންގޭރީގެ ނިންމުމާ ގުޅިގެން އެ އިއްތިހާދު އިތުރަށް "ވަރުގަދަވެ އަދި ރައްކާތެރި" ވެފައިވާ ކަމަށެވެ.