ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގެންގުޅުއްވަނީ ޝަރީއާ ކޮމްޕްލަޔަންޓް ނޫން ބޭންކު އެކައުންޓަކާއި ކްރެޑިޓް ކާޑެއްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
ޖަނާބު މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ގެންގުޅުއްވަނީ އެންމެ ބޭންކު އެކައުންޓެކެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުންނަ ރުފިޔާ ސޭވިންގްސް އެކައުންޓެކެވެ. އެ އެކައުންޓުގައި 69،608.29 ރުފިޔާ އެބަ ހުއްޓެވެ.
މާލީ ބަޔާނުން އެނގޭ ގޮތުގައި އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑެއް ވެސް ޖަނާބު ގެންގުޅުއްވަ އެވެ. އެއީ 140،000 ރުފިޔާގެ ލިމިޓެއް އޮންނަ ކާޑެކެވެ. އޭގެ ތެރެއިން 32،000 ރުފިޔާ އޭނާ ވަނީ ބޭނުން ކުރައްވައިފަ އެވެ.
ޖަނާބު ގެންގުޅުއްވާ ކްރެޑިޓް ކާޑުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރެވެ. އެހެންކަމުން އޭނާ ކާޑު ނެންގެވީ، ޝަރީއާ ކޮމްޕްލަޔަންޓް ކްރެޑިޓް ކާޑު ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަން ފެށުމުގެ ކުރިން 2023 ވަނަ އަހަރެވެ. ބީއެމްއެލް އިން ދޫކުރާ ޝަރީއާ ކޮމްޕްލަޔަންޓް އެމެރިކަން އެކްސްޕްރެސް ކާޑުތަކަށް ކިޔަނީ "ބީއެމްއެލް އިސްލާމިކް އެކްސްޕްރެސް" ކާޑެވެ.
މަޖިލީހަށް ވަޑައިގަތުމުގެ ކުރިން އަދި ވަޑައިގަތުމަށް ފަހު ވެސް ޖަނާބު ވަނީ ސޯޝަލް މީޑިއާގައި ރިބާއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.