އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއާ ދެކޮޅަށް ސަހްޔޫނީން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތުގެ ޕްލޭން ހުށަހަޅުއްވައި، ވީރާނާވެފައިވާ ފަލަސްތީނުގެ ސަރަހައްދުގެ މުސްތަގުބަލާ ބެހޭ ގޮތުން އިސްލާމީ ގައުމުތަކުގެ ވެރިންނާއި މަޝްވަރާ ކުރައްވަން ނިންމައިފިއެވެ.
މި ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ނިއުޔޯކުގައި ބާއްވާ އދ. ގެ އާންމު ބައްދަލުވުމުގައެވެ.
ވައިޓް ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، އުރުދުން، ތުރުކީ، އިންޑޮނޭޝިއާ، އަދި ޕާކިސްތާނުގެ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެނީ ޣައްޒާއިން ސަހްޔޫނީންގެ ސިފައިން އެއްކޮށް ފޮނުވާލައި، ސަރަހައްދީ ގައުމުތަކުގެ އެހީއާއި އެކުގައި މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރާނެ ގޮތެއް މަޝްވަރާކުރުމެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވިދާޅުވީ އޭނާގެ ގައުމު އޮތީ ސުލްހަ ގާއިމްކުރުމަށް ސިފައިން ފޮނުވުމަށް ތައްޔާރަށް ކަމަށެވެ. ފްރާންސާއި ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބޭއްވި ދެ ދައުލަތުގެ ހައްލު ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "ސުލްހައާ ދިމާއަށް ކުރާ މި ދަތުރުގައި އަޅުގަނޑުމެންގެ ބައިވެރިވުމަށް ތައްޔާރަށް މިތިބީ، ސުލްހަ ގާއިމްކުރާ ބާރުތައް ފޯރުކޮށްދިނުމަށް ތައްޔާރު" ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ޕޯޗުގަލް، އަދި އެހެނިހެން ބައެއް ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ދަނޑިވަޅެއްގަ އެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ގާތްގަނޑަކަށް ދެ އަހަރު ވެފައިވާއިރު، ފަލަސްތީނުގެ 65،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ އާންމުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ގަތުލުއާންމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަމާއި ބަނޑުހައިހޫނުކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.
މި މަހުގެ ކުރީކޮޅު ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ސަހްޔޫނީން ގަތަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ވަނީ ދީފައެވެ.