ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ތައްޔާރު ނޫން ކަމަށް ބުނެ ސިންގަޕޫރުން ބަހަނާ ދައްކަން ފަށައިފިއެވެ.
އދ ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނާން ވިދާޅުވީ އިސްރާއީލާއި ފަލަސްތީނަށް ސުލްހަވެރިކަމާއެކު އުޅެވޭނެ ދެ ދައުލަތުގެ ހައްލަކަށް ސިންގަޕޫރުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި މިކަން ގަބޫލުކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަލަސްތީނުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ތިބުމަކީ މުހިއްމު ކަމެއް ކަމަށާއި ޓެރަރިޒަމް އަށް ހިތްވަރުދޭ ސަރުކާރެއް ފަލަސްތީނުގައި އޮވެގެން ނުވާނެ ކަމަށެވެ. މިކަމާ ނުލައި ސިންގަޕޫރުން ގަބޫލުކުރާ ގޮތުގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައިގެ މަރުހަލާއަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށާއި ކަންކަން އިތުރަށް ގޯސްވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިންގަޕޫރުން މިފަދައިން ބުނެފައިވަނީ ފްރާންސް، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، އަދި ޕޯޗުގަލް ފަދަ ގައުމުތަކުން ފަލަސްތީން ރަސްމީކޮށް ބަލައިގަނެފައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްތީނަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ސިންގަޕޫރުން ކަނޑަނޭޅި ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިވިއަންގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.
ސަހްޔޫނީނުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ މި ގަތުލުއާންމުގައި 65،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތަކެއް ލައްކަ މީހުން ގެދޮރު ގެއްލި ހާލުގައި ވަނީ ޖެހިފައިވެއެވެ.
މި ހަނގުރާމަ އަދިވެސް ކުރިއަށް ދާއިރު، ދުނިޔޭގެ ގިނަ އަދަދެއްގެ ގައުމުތަކުން އަންނަނީ ސަހްޔޫނީން އެކަހެރިކޮށް ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންނެވެ.