April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

‎މުސްލިމުންނާއި ދެކޮޅަށް ނިއުޒީލެންޑްގައި މުޒާހަރާކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 25, 2025, 05:59 PM
މާލެ ސިޓީ

ނިއުޒިލޭންޑްގެ ސިޓީއެއް ކަމަށްވާ އޯކްލޭންޑްގައި އެ ގައުމުގައި މުސްލިމުން ދިރިއުޅުމާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފިއެވެ.

Advertisement

މި މުޒާހަރާގައި ބައިވެރިވި މީހުން ގޮވަމުން ދިޔައީ ނިއުޒީލެންޑަކީ ކްރިސްޓިއަން ގައުމެއް ކަމަށާއި ޖިހާދީންނަށް ނިއުޒިލޭންޑަށް މަރުހަބާ ނުކިޔާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ނިއުޒީލެންޑްގެ ދިދަތައް ހިފައިގެން ތިބެ ޝުއޫރު ފާޅުކޮށްފައިވާއިރު، ދެން ތިބި މީހުން ވަނީ އިސްލާމްދީން ތަމްސީލުކުރާ ދިދައެއްގެ ކުރިމަތީގައި ތިބެ އެގައުމުގެ ސަގާފީ ހަނގުރާމަވެރި ނެށުމެއް (ހަކާއެއް) ކުރިއަށް ގެންގޮސްފައެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މިސްކިތެއްގެ ކައިރީގައެވެ. މި މުޒާހަރާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިރު ގިނަ ބަޔަކު އަންނަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއީ ނަފްރަތާއި ނަސްލީ ތަފާތުކުރުން ބޮޑު ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނިއުޒީލެންޑްގެ މުސްލިމް ލީޑަރުން ބުނީ މުސްލިމް މުޖުތަމައުގެ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށެވެ.

"އަހަރެމެން ނިއުޒީލެންޑަށް އައީ ސުލްހައާއި ރަނގަޅު ދިރިއުޅުމަކަށްޓަކައި ނަމަވެސް މި މުޒާހަރާގެ ސަބަބުން އަޅުގަނޑުމެންނަށް ރައްކާތެރިކަން ނެތް ކަމުގެ އިހުސާސް ކުރެވޭ"" ލޯކަލް އިމާމަކު ބުންޏެވެ.

މައޯރީގެ ލީޑަރުންވެސް ވަނީ މި އަމަލު ކުށްވެރިކޮށް ވާހަކަދައްކާފައެވެ. މިގޮތުން ސަގާފީ ހަރަކާތެއް މިފަދައިން އެހެން ދީނެއްގެ ބަޔަކަށް ހަމަލާދޭން ބޭނުން ކުރެވިގެން ނުވާނެ ކަމަށެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރުވެސް މިވަނީ ހަރަކާތް ކުށްވެރިކޮށްފައެވެ. މި މުޒާހަރާއަށް ރައްދު ދެއްވައއެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޒީލެންޑުން ހުރިހާ ދީނެއްގެ މީހުންނާއި ހުރިހާ ފަންތިއެއްގެ މީހުންނަށް މަރުހަބާ ކިޔާނެ ކަމަށާއި އެ ގައުމުގައި ނަފްރަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ފުލުހުން މިހާރު ދަނީ ކަން ހިނގި ގޮތް ބަލައި މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ފުލުހުން ދަނީ މިސްކިތްތަކާއި ދީނީ ތަންތަނުގައި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved