ޖަޕާން / ރޮއިޓަރސް
ދުނިޔެ
ޖަޕާނުގައި ދަރިމައިވާ މިންވަރު ރެކޯޑް އަދަދަކަށް ދަށްވެއްޖެ
Azzama
އައްޒާމާ
28 ފެބްރުއަރީ 2024

މިދިޔަ އަހަރު ޖަޕާނުގައި އުފަންވި ތުއްތު ކުދިންގެ އަދަދު ޖެހިޖެހިގެން އަށް ވަނަ އަހަރަށް ދަށަށް ގޮސްފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިމައިވާ މިންވަރު މަތިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޖަޕާނު ސަރުކާރު އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ޖަޕާނުގައި 2023 ވަނަ އަހަރު އުފަންވި 758،631 ތުއްތު ކުދިންނަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %5.1 ދަށްވުމެއް ކަމަށް ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީން އަންގާރަ ދުވަހު ބުނެފައިވެއެވެ. އެއީ 1899 ވަނަ އަހަރު ޖަޕާނުން ތަފާސްހިސާބުތައް އެކުލަވާލަން ފެށި ފަހުން އެންމެ މަދުން އުފަންވި ފަހަރެވެ.

ކައިވެނީގެ އަދަދު ވަނީ %5.9 އަށް ދަށްވެފައެވެ، މިއީ 90 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބައި މިލިއަނަށްވުރެ ދަށަށް ގޮސްފައިވާ ފުރަތަމަ ފަހަރެވެ. މިއީ ވިހެއުން މަދުވުމުގެ މުހިންމު އެއް ސަބަބެވެ.

ސަރވޭތަކުން ދައްކާ ގޮތުގައި ޖަޕާނުގެ ޒުވާން ގިނަ ބަޔަކު ކައިވެނި ކުރުމަށް ނުވަތަ އާއިލާ ބިނާކުރުމަށް ފަސްޖެހެނީ ވަޒީފާގެ ފުރުޞަތު ތައް ކުޑަވުމާއި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި ސަގާފީ ކަންކަމާ ހެދި އެވެ.

ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ވިހެއުމުގެ ނިސްބަތް މިހާރު ދަށްވަމުން އަންނަނީ "ކްރިޓިކަލް ސްޓޭޓެއްގައި" ކަމަށެވެ.

"ކުރިއަށް އޮތް ހަ އަހަރު، 2030 ގެ އަހަރުތަކާ ހަމައަށް، ޒުވާން އާބާދީ ހަލުވިކަމާއެކު ދަށްވާން ފަށާ މުއްދަތަކީ، އަޅުގަނޑުމެންނަށް މި ޓްރެންޑް ފަހަތަށް ޖައްސައިލެވޭނެ އެންމެ ފަހު ފުރުސަތު،" އޭނާ ވިދާޅުވި އެވެ. "އެއްވެސް ވަގުތެއް ބޭކާރުކުރާކަށް ނެތް"

ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ވިހެއުން މަދުވުމަކީ "ޖަޕާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތި" ކަމަށް ވިދާޅުވެ، ގިނައިން ވިހެއުމާއި ކުޑަކުދިންނާއި އެމީހުންގެ އާއިލާތަކަށް އިތުރު ސަޕޯޓާއި ސަބްސިޑީތައް ހިމެނޭ ޕެކޭޖެއް ހުށަހަޅާފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved