

އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ، ފަލަސްތީނަށް ތާއީދުކޮށް ނިއު ޔޯކްގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަތުމުން އެމެރިކާއިން ވިސާ ކެންސަލްކުރަން ނިންމައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި ޕޯސްޓެއްގައި ބުނީ އިއްޔެގެ ވަގުތެއްގައި، ކޮލަމްބިއާގެ ރައީސް [ގުސްޓާވީ ޕެޓްރޯ] އެންވައިސީ [ނިއު ޔޯކް ސިޓީ] ގެ މަގެއްގެ މަތީ ހުރެ، ސިފައިން އަމުރުތަކަށް ތަބާނުވުމަށް ގޮވާލައި ހަމަނުޖެހުމަށް ހިތްވަރުދީފައިވާތީ ޕެޓްރޯގެ ވިސާ ކެންސަލްކުރަން ނިންމީ ކަމަށެވެ.
އެ ޕޯސްޓްގައި ޕެޓްރޯ ކުރެއްވި އަމަލެއްގެ ތަފްސީލެއް ނެތެވެ. އެކަމަކު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޕެޓްރޯ ވަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒު ބޭރުގައި ބޭއްވި އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން، ވާހަކަ ދައްކަވައިފަ އެވެ.
އެމެރިކާއިން ވަނީ މިފަހަރު އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެހެން ބައެއް އިސް އޮފިޝަލުންނަށް ވެސް ވިސާ ނުދީފަ އެވެ. އެހެންވެ އައްބާސް އދ. އަށް ބަޔާން ފޮނުއްވީ ވީޑިއޯއަކުންނެވެ.
އދ.ގެ އާންމު މަޖިލީހުގެ ހަތަރުވަނަ ދުވަހު ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު އެތައް ގައުމަކުން ވަނީ ބައްދަލުވުން ދޫކޮށް ނުކުމެގެން ގޮސްފަ އެވެ. ނަތަންޔާހޫގެ ވާހަކައިގައި ވަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ހުޅަނގުގެ ގައުމުތަކުން ނިންމީ "ލަދުވެތި ނިންމުމެއް" ކަމަށް ސިފަކޮށް ފާޑު ކިޔައިފަ އެވެ