April 3, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފްލޮޓިލާގެ އުޅަނދުތައް އަންނަ ހަފްތާގައި ޣައްޒާއާއި ކައިރިކުރާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 27, 2025, 06:33 PM
މާލެ ސިޓީ

ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަހްޔޫނީންނަށް ޕްރެޝަރު ކުރުމަށްޓަކައި 50 އަށް ވުރެ ގިނަ މަދަނީ އުޅަނދުފަހަރުގެ ކޯލިޝަނެއް ކަމަށްވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ މިހާރު ދަތުރުކުރަމުން ދަނީ ތުރުކީވިލާތާއި ކައިރިން ގްރީސްގެ ކްރީޓް ޖަޒީރާތަކުގެ ސަރަޙައްދުން ކަމަށް ތުރުކީވިލާތުގެ ޚަބަރުތައް ބުނެފިއެވެ.

Advertisement

ތުރުކީގެ ކަމާއި ބެހޭ ފަރާތްތަކުން ބުނި ގޮތުގައި މިވަގުތު ލަފާކުރެވޭ ގޮތުން ކުރިޔަށް އޮތް 7 ނުވަތަ އަށްވަރަކަށް ދުވަސްތެރޭ 52 އުޅަނދުވެސް ޣައްޒާ އާއި ހަމަޔަށް ފޯރާނެއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ސްޕޭނުން ނައްޓައިލި ފްލޮޓިއްލާގެ އުޅަނދުފަހަރަށް މި މަހުގެ ނުވަވަނަ ދުވަހު ސަހްޔޫނީން ޙަމަލާދިން ކަމުގައި ވިޔަސް އާ ހިއްވަރަކާއި އެކު ވަނީ މި މަހުގެ 15 ވަނަ ދުވަހު ތޫނިސްގެ ބަނދަރަށް ޖަމާވި އިތުރު ބޯޓުތަކާއިއެކު ޣައްޒާ އަށް ވަނުމަށް މިސްރާބު ޖަހާފައެވެ.

އެ ހުރިހާ އުޅަނދެއް މިވަގުތު ގްރީސް ކައިރިން ދަތުރުކުރަމުންދާއިރު ކުރިޔަށް އޮތް ދެތިންދުވަސްތެރޭ ތުރުކީ ފަހަނައަޅައި ދާނެ ކަމަށް ބެލެވެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ވެސް ސަހްޔޫނީން ވަނީ މި ބޯޓުތަކަށް ހަމަލާދީފައެވެ. މި 52 ބޯޓު ޣައްޒާއަށް ދަތުރު ކުރާތީވެ ސަހްޔޫނީންގެ ޑްރޯންތަކުން ވަނީ ގާތްގަނޑަކަށް ވިއްސަކަށް ޙަމަލާ ފޮނުވާލާފައެވެ.

ތުހުމަތުކުރެވިފައިވާ ގޮތުގައި އެ ހުރިހާ ޙަމަލާ އަކީ ވެސް ބިރު ދެއްކުމުގެ ގޮތުން ފޮނުވި ޙަމަލާތަކެވެ. އަދި އެއްވެސް ޙަމަލާއެއް އުޅަނދަކަށް އަމާޒު ނުކުރާ ކަމަށާއި އެ ޙަމަލާތައް އަމާޒުކުރީ އުޅަނދުތަކުގެ ކައިރިޔަށް ކަމަށާއި، އުޅަނދުތަކުގެ މުއާޞަލާތީ ނިޒާމަށް ބުރޫއަރުވައިލި ކަމަށް ޚަބަރުތައް ބުނެއެވެ.

ސަހްޔޫނީން ވަނީ މި ފްލޮޓިއްލާ ޣައްޒާއަށް ވަނަނުދީ ހުއްޓުވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެގައުމުގެ ޚަބަރުތައް ބުނާ ގޮތުގައި ފްލޮޓިއްލާގެ އުޅަނދުތައް ޣައްޒާއަށް ވަނުމަށްޓަކައި މަސައްކަތް ކުރާނަމަ އެ އުޅަނދުތަކަށް ޙަމަލާ ވެސް ދޭނެއެވެ. އަދި އުޅަނދުތައް އެމީހުންގެ ސިފައިންގެ ބެލުމުގެ ދަށަށް ނަގައި، އެ އުޅަނދުތަކުގައި ތިބި އެންމެން ހައިސެކިއުރިޓީ ޖަލަކަށް ބަދަލުކުރާނެ ކަމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved