ޕާކިސްތާނުގެ އަލަށް އެކުލަވާލި ޕާލަމެންޓުން ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ޝެހްބާޒް ޝަރީފް އިންތިހާބުކޮށްފި އެވެ.
އޭނާ ވަނީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ތާއީދު ކުރި އިދިކޮޅު ކެނޑިޑޭޓް ބަލިކޮށްފަ އެވެ.
ޝެހްބާޒް އިންތިޚާބު ކޮށްފައިވަނީ މީގެ ތިން ހަފްތާ ކުރިން ނެގި، ވޯޓު އޮޅުވާލުމާއި ބިރުދެއްކުން އިންތިހާއަށް އޮތް ކަމަށް ގިނަބަޔަކު ތުހުމަތުކުރާ އާންމު އިންތިޚާބަށް ފަހުގައެވެ.
މި އިންތިހާބުގައި ދެވަނަ ހޯދީ ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އެވެ. އިމްރާން ޚާންގެ ޕީޓީއައިގެ ތާއީދު އޮތް މިނިވަން ކެންޑިޑޭޓުންނަށް ގިނަ ގޮނޑި ކާމިޔާބު ކުރެވުނު ނަމަވެސް އަޣުލަބިއްޔަތު ނުލިބުނެވެ.
އާދީއްތަ ދުވަހު ގައުމީ މަޖިލީހުގެ ރައީސް އަޔާޒް ސާދިގު ވަނީ ޝެހްބާޒް ޝަރީފް މަޖިލީހުގެ 201 ވޯޓު ހޯއްދަވާފައިވާކަން އިއުލާން ކުރައްވާފަ އެވެ. ބޮޑުވަޒީރު ކަމަށް އިންތިހާބުވާން ބޭނުންވާނީ 169 ވޯޓެވެ.
އިމްރާން ޚާންގެ ޕީޓީއައި ޕާޓީން ތާއީދުކުރި އުމަރު އައްޔޫބަށް ލިބިވަޑައިގަތީ 92 ވޯޓެވެ.
ޝެހްބާޒް ޝަރީފް އޭނާގެ ކާމިޔާބީގެ ތަގުރީރުގައި ވިދާޅުވީ އެއްވެސް ފަރާތަކަށް ސާފު މަޖިލީހުގެ އަޣުލަބިއްޔަތެއް ނެތުމުން "އެއް ވިސްނުމެއްގެ ޕާޓީތަކުން ކޯލިޝަން ސަރުކާރެއް އެކުލަވާލެވިދާނެ" ފުރުސަތު އޮތް ކަމަށެވެ.
މިދިޔަ މަހުގެ އިންތިޚާބަށް ފަހު ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން) - ޝެހެބާޒް ޝަރީފްގެ ބޭބެ ކަމަށްވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިސްކޮށް ހުންނަވައިގެން ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އާ އެކު ކޯލިޝަން ހެދިއެވެ.
ދުވަސްވީ ވާދަވެރި ދެ ޕާޓީ ގުޅިގެން 2022 ވަނަ އަހަރު އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކޮށް، ޝެހްބާޒް ޝަރީފް ބޮޑުވަޒީރަކަށް ވަނީ އައްޔަންކޮށްފައެވެ.
6 ފެބްރުއަރީގެ އިންތިހާބާ ދިމާކޮށް އިމްރާން ޚާން ޖަލަށް ލާފައި ވާއިރު، އޭނާއަށް ވަނީ އިންތިޚާބުގައި ވާދަ ކުރުން މަނާކޮށްފައިވެ އެވެ.
އޭނާގެ ޕާޓީއާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައި، އޭނާގެ މައްޗަށް 150 އަށް ވުރެ ގިނަ ޖިނާއީ އަދި މަދަނީ ދައުވާ އުފުލާފައިވެ އެވެ.
ޕީޓީއައިގެ ކެންޑިޑޭޓުންނަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް މަޖުބޫރުވި ނަމަވެސް އެހެން ޕާޓީތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ.