March 22, 2026
Advertisement
-
- / ހިންދުސްތާނީ ޓައިމްސް

އިންޑިއާގެ ހިމާޔަތުގައި ހުރި ޝެއިޚް ހަސީނާއަށް މަރުގެ ހުކުމް ކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 20, 2025, 05:56 AM
މާލެ ސިޓީ

2024 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އަނިޔާވެރި ފިޔަވަޅު އަމުރުކުރުމާއި ގުޅިގެން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް" ހިންގި ކަމަށް ބުނެ ހާއްސަ ޓްރައިބިއުނަލަކުން ވަނީ އޭނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފަ އެވެ.

Advertisement

އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ހަސީނާގެ މައްޗަށް ސާބިތުވީ ތިން ދައުވާއެއް ކަމަށްވާ އިންސައިޓްމަންޓާއި، މަރާލުމަށް އަމުރު ނެރުމާއި، އަނިޔާވެރިކަން ހުއްޓުވުމުގައި ނާކާމިޔާބުވުމެވެ.

މީގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒާމާން ޚާން ކަމާލްގެ މައްޗަށް ވެސް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާއިރު، ޕީޖީއަށް އެއްބާރުލުން ދިން ކުރީގެ ފުލުހުންގެ އިސްވެރިޔާއަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހަސީނާވަނީ އެ ގައުމުގެ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި ހިސާބުން ގައުމު ދޫކޮށް އިންޑިއާއަށް ފިލާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ހަސީނަ މިވަގުތު ހުންނެވީ އިންޑިއާ ސަރުކާރުގެ ހިމާޔަތް ލިބިގެން އެ ގައުމުގައެވެ.

ހުކުމަށް ފަހު ބަންގްލަދޭޝްއިން ރަސްމީކޮށް ހަސީނާ ބަންގްލަދޭޝްއާއި ހަވާލުކުރުމަށް އެދުނު ނަމަވެސް އިންޑިއާއިން ވަނީ ގާނޫނީ ހުރަސްތަކެއް ހުރި ކަަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައެވެ.

ހަސީނާ ވަނީ އެ ހުކުމާ ހަރުކަށިކޮށް ދެކޮޅު ހައްދަވައި، ޓްރައިބިއުނަލުން "އޮޅުވާލާފައިވާ" ކަމަށާއި އެ ހުކުމަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ނެރެފައިވާ ހުކުމެއް ކަމަށް ބުނެފައެވެ. މިއާއިއެކު އޭނާގެ ސިޔާސީ ނުފޫޒު ނައްތާލުމަށް ވަގުތީ ސަރުކާރުން ކޯޓު ބޭނުން ކުރި ކަމަށް ތުހުމަތު ކުރައްވައި، އިންސާފުވެރި ޝަރީއަތެއް ހިންގުމަށްވެސް ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved