March 20, 2026
Advertisement
-
- / ތޭރަ އޮންލައިން

އިންޑިއާގެ ރޯ އަދި އާރުއެސްއެސް އަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 10:32 PM
މާލެ ސިޓީ

އިންޑިއާގެ ޖާސޫސީ އިދާރާ، ރިސާޗް އެންޑް އެނަލައިސިސް ވިންގް (ރޯ) އާއި ހިންދޫ ނޭޝަނަލިސްޓް ޖަމާއަތެއް ކަމަށްވާ ރާޝްތުރިޔާ ސްޔަމްސޭވަކް ސަންގް (އާރްއެސްއެސް) އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އެ ފަރާތްތަކުގެ އެސެޓްތައް ހިފެހެއްޓުމާއި އެމެރިކާއަށް ވަނުން މަނާކުރުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް ހިމެނޭނެ ކަމަށް ބެލެވެއެވެ.

Advertisement

މި ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، އެމެރިކާގެ ފަސްގަނޑުގައި ދިރިއުޅޭ ޚާލިސްތާނީ ލީޑަރު ގުރްޕަތުވާންތު ސިންގް ޕަންނޫ މަރާލަން އިންޑިއާގެ އެޖެންޓުން ރޭވިކަން ފަޅާއެރުމެވެ. މި ރޭވުންތަކުގެ ހެކިތައް އެމެރިކާގެ ތަހުގީގީ އިދާރާތަކަށް ލިބިފައިވާއިރު، މިއީ އެ ގައުމުގެ އިސްތިގުލާލަށް އިންޑިއާއިން އަރައިގަތް ވަރަށް ނުރައްކާތެރި އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ޚަބަރު ލިބޭގޮތުގައި، އެމެރިކާއިން މި ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތީ މިއަހަރުގެ އީދު ދުވަހާ ދިމާކޮށް އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލުއާންމެއް ހިންގުމަށް ރޯ އާއި އާރުއެސްއެސް އިން ރާވަމުންދާ ކަމުގެ ބިރު އޮތުމުންނެވެ. އިންޑިއާގެ މަސްލަހަތު ނަގާލައި، ދީނީ ހަމަނުޖެހުން އުފެއްދުމަށް އެ ޖަމާއަތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން، އިންޑިއާގެ ސަލާމަތީ ބާރުތަކުން ދަނީ އެ ގައުމުގެ މުސްލިމުންނަށް އަމާޒުކޮށް ބިރުދެއްކުމުގެ އެކި އަމަލުތައް ހިންގަމުންނެވެ. އެގޮތުން، އީދު ދުވަހުގެ ނަމާދުގެ ސަފުތައް މަގުމައްޗަށް ނުނެރުމަށާއި، އެއާ ޚިލާފުވާ ފަރާތްތަކުގެ ޕާސްޕޯޓް ބާތިލުކުރާނެ ކަމުގެ އިންޒާރު އިންޑިއާ ސިފައިން ވަނީ ދީފައެވެ. މިއީ ދީނީ މިނިވަންކަމަށް ހުރަސްއަޅައި، ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް ހިންގާ ލާއިންސާނީ އަމަލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިންޑިއާގައި ހިންދޫ ގައުމިއްޔަތު ފެތުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުސްލިމުންނާއި ކުރިމަތިވަމުންދާ ގޯނާތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެމެރިކާގެ މި ނިންމުމަކީ އިންޑިއާގެ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިކަމުގެ ސަބުބުން އިންޑިއާއާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާނެ ކަމަށް ބެެލެވެއެވެ. އިންޑިއާއަކީ އިޒްރޭލާއި އެމެރިކާއަށް ވާގިވެރިވަމުން އައި ގައުމަކަށްވާއިރު އެ ދެ ގައުމުން އިންޑިއާ ދުރުކޮށްލާ މަންޒަރު އަންނަނީ ތިލަވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved