March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާގެ ރޯ އަދި އާރްއެސްއެސް އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޝްވަރާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 12:40 AM
މާލެ ސިޓީ

އިންޑިއާގެ ޖާސޫސީ އިދާރާ، ރިސާޗް އެންޑް އެނަލައިސިސް ވިންގް (ރޯ) އާއި ހިންދޫ ނޭޝަނަލިސްޓް ޖަމާއަތެއް ކަމަށްވާ ރާޝްތުރިޔާ ސްޔަމްސޭވަކް ސަންގް (އާރްއެސްއެސް) އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާގެ ސަރުކާރަށް ލަފާދީފިއެވެ.

Advertisement

މި މަޝްވަރާ އާއި ލަފާ ދީފައިވަނީ ބައިނަލްއަގުވާމީ ދީނީ މިނިވަންކަމާ ބެހޭ އެމެރިކާގެ ކޮމިޝަން (ޔޫ.އެސް.ސީ.އައި.އާރް.އެފް) އިން ނެރުނު ރިޕޯޓެއްގައެވެ. މި ރިޕޯޓުގައި ވާގޮތުން، އިންޑިއާގެ ސަރުކާރުން ހިންގާ ބައެއް ސިޔާސަތުތަކުގެ ސަބަބުން އެ ގައުމުގައި ދީނީ މައިނޯރިޓީތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ކޮމިޝަނުން ހުށަހަޅާފައިވަނީ އިންޑިއާގެ ރޯ އަދި އާރްއެސްއެސްގެ އިސް ފަރާތްތަކަށް އަމާޒުކޮށް "ޓާގެޓެޑް ސޭންކްޝަންސް" ނުވަތަ ވަކި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. މީގެ ތެރޭގައި އެމެރިކާއަށް ދަތުރުކުރުން މަނާކުރުމާއި، އެމެރިކާގައި ހުރި އެ ފަރާތްތަކުގެ މާލީ މުދާތައް ހިފެހެއްޓުން ހިމެނެއެވެ.

މިފަދަ ފިޔަވަޅެއް އެޅުމަށް ލަފާދީފައި މިވަނީ، އިންޑިއާއިން ގައުމުން ބޭރުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ ޖާސޫސީ އޮޕަރޭޝަންތަކާއި، ހާއްސަކޮށް ކެނެޑާ އަދި އެމެރިކާގައި ދިރިއުޅޭ ސިކުންގެ ލީޑަރުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. އަދި އާރްއެސްއެސް އަކީ އިންޑިއާގައި ހިންދޫ ފިކުރު ފެތުރުމަށާއި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ އެކި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

މިއީ އިންޑިއާގެ މިފަދަ ނުފޫޒުގަދަ މުއައްސަސާތަކަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ރަސްމީ އިދާރާއަކުން ލަފާދިން ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ލަފައާ މެދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ބުނެފައިވަނީ މިއީ ހަގީގަތާ ހިލާފު، އަދި ވަކި ފަރާތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި، އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved