ޕާކިސްތާނުން އަފްޣާނިސްތާނަށް ދެނީ ޒަހަރު ކަމަށާއި އިންޑިއާއަކީ ގުޅުން ގާއިމުކުރަން މާ ރަނގަޅު ގައުމެއް ކަމަށް އަފްޣާނިސްތާނުން ބުނެފިއެވެ.
އަފްޣާނިސްތާނުން ޕާކިސްތާނަށްވުރެ އިންޑިއާއާއި މާ ގަތްކޮށް ދެކޭ ކަމަށްވެސް އެ ގައުމުން ބުނެފައިވާއިރު މިފަހުން އިންޑިއާއާއި އަފްޣާނިސްތާނާއި ދެމެދު ވަނީ ދިފަޢީ އެއްބަސްވުންތަކެއްގައި ސޮއިކޮށް ދެ ގައުމުގެ ގުޅުން ކުރިއެކޭ އެއްގޮތަށް ގާއިމުކޮށްފައެވެ.
މި އެއްބަސްވުމާއި އެކު އިންޑިއާއިން ވަނީ އަފްޣާނިސްތާނުގެ ބިމުގެ ސަރަހައްދު ބޭނުންކޮށްގެން ޕާކިސްތާނަށް ހަމަލާދީ ހަނގުރާމައެއް މިފަހުން ފަށާފައެވެ. މިއާއި އެކު އިންޑިއާއިން އަންނަނީ ގިނަ ގައުމުތަކާއި އެކު އަސްކަރީ/ދިފާއި ގޮތުން ގުޅުން ވަރުގަދަކޮށް ޕާކިސްތާނާއި ދެކޮޅަށް އަސްކަރީ ރޭވުންތައް ރާވަމުންނެވެ.
އަފްޣާން ޑިފެންސްއިން ކޮށްފައިވާ އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ސަރުކާރުން އެމީހުންގެ ރައްޔިތުންނަށް ކިޔެވުމަށް ހިލޭ ވިސާ ދޭއިރު ޕާކިސްތާނުގެ ބޯޑަރުތައް އެމީހުންނަށް ކިޔެވުމަށާއި ވިޔަފާރިކުރުމަށް ބަންދުކޮށްފައިވާ ކަމަށެވެ. މިއާއިއެކު އަފްޣާނިސްތާނުން ވަނީ ޕާކިސްތާނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
މިއީ އިންޑިއާއިން ބޭނުންވާ ގޮތް ކަމަށާއި އިންޑިއާއިން ބޭނުންވަނީ ސަރަހައްދީ އެހެން ގައުމުތައް ޕާކިސްތާނާއި ދެކޮޅު ކުރުވުން ކަމަށް ކަމާއި ބެހޭ ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އިންޑިއާގައި މިފަހުން ދިން ބޮމުގެ ހަމަލާތަކުގައިވެސް އިންޑިއާއިން ވަނީ ޕާކިސްތާންގެ ބޮލުގައި ހަމަލާގެ ތުހުމަތު އަޅުވާފައެވެ.