March 15, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

ރައުދު ކުށަށް އިއުތިރާފުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 21, 2025, 08:40 AM
މާލެ ސިޓީ

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.

Advertisement

މިދިޔަ އޭޕްރީލް މަހު ހިނގި މި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ.

އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އިރު، ރައުދުވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ދެން ކުރިއަށް ގެންދާނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ހުކުމް އަންނަ ހަފްތާގައި ކުރުމަށް ކޯޓުންވަނީ ނިންމާފައެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ގ. އެރިއަދޫ، ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.

ފެންޓެނޯއީ ގެއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ރައުދު ކުރިން ބަންދު ކުރިއެވެ. އެކަމަކު، އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިންވަނީ ބުނެފައެވެ.

ރައުދު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދަން ޕީޖީ އޮފީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް، ދައުލަތުން ވަނީ އޭނާއާ އެކު އެފަދަ އެއްބަސްވުމަކަށް ނުދާން ނިންމައިފަ އެވެ.

އެ ދައުވާއަށް ރައުދު އެއްބަސްވިއިރު، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އަދި ކުށަށް އިއުތިރާފްވުމުން އެއަށް ވުރެ ވެސް އަދަބު ލުއިވާނެ އެވެ. އަދި ތަހުގީގު މަރުހަލާގައި އޭނާ މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެއް ކަމަށްވެއެވެ.

އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި، މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved