

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ތަރައްގީ ކުރި ހަންކެޑެ ބުރިޖު ރޭ ދަންވަރު 12:00 އިން ފެށިގެން އާންމު ދަތުރު ފަތުރަށް ހުޅުވާލައިފިއެވެ.
ހަންކެޑެ ބުރިޖަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހަންކެޑެ ވަކިކޮށް އެ ރަށް ރިސޯޓަކަށް ހަދަން މަގު ފަހިކުރުމަށް ހެދި ބުރިޖެއް ކަމަށް ކުރީ ސަރުކާރުން ބުނެފައިވެއެވެ.
މި ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއަށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުއެއް ލިބިފައިވެއެވެ.
މި ބުރިޖު ބޭނުންކުރަން ފަށާފައިވަނީ ދެ ފަހަރެއްގެ މަތިން ތާރީޚު ދިނުމަށް ފަހު ފަސްކޮށް، ތިން ވަނައަށް ދިން ތާރީޚުގައެވެ. އެގޮތުން ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު، ހަތަރު ލޭނުގެ މި ބްރިޖު ހުޅުވަން އެންމެ ފުރަތަމަ ދިން ތާރީޚަކީ މިދިޔަ ޖުލައި މަހެވެ. ނަމަވެސް އެ ތާރީޚަށް އެޔަން ނުނިމި މިދިޔަ ސެޕްޓެމްބަރު 23 އަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ތާރީޚު ދިނެވެ. އޭގެ ފަހުންވެސް ބުރިޖު ނުނިމި އެންެމެ ފަހު ތާރީޚެއްގެ ގޮތުގައި ފެބްރުއަރީ މަސް ކަނޑައަޅާ އިއްޔެ ވަނީ ބުރިޖު ހުޅުވާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.
ހަންކެޑެ ތަރަައްގީކުރަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ ދަށުން ހެންކެޑެގައި 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާނެއެވެ.
ހަންކެޑަ ތަރައްގީ ކުރުމުގެ ނަމުގައި ބުރިޖެއް އެޅުމުގެ ބޭނުންމެއް ނެތް ކަމަށް ނަމަވެް އައްޑޫގެ ގިނަ ރައްޔިތުން އިއްތިފާގުވެއެވެ. އަދި އެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި އެއީ އިންޑިއާގެ މަސްލަހަތު އޮތް އައްޑޫ ޕޮލިސް އެކެޑެމީއާ ކައިރިން ދަތުރުކުރުން ހުއްޓުވުމަށް ކުރި ކަމެކެވެ. އެހެނީ ކުރިންވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ލިންކު ރޯޑުގެ ޒަރީއާއިން ދަތުރުކުރެވޭނެ މަގު ފަހިވެފައި އޮތުމުންނެވެ.