March 20, 2026
Advertisement
-
- / އިމިގްރޭޝަން

މާލޭގެ މަސާޖު ޕާލާތަކެއް އިމިގްރޭޝަނުން ޗެކްކޮށް ފަސް ބިދޭސީއަކު ހައްޔަރުކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 13, 2025, 01:32 AM
މާލެ ސިޓީ

މާލޭގައި ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލާއެއް ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ފަސް ބިދޭސީ އަންހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Advertisement

މި އޮޕަރޭޝަން ހިންގާފައިވަނީ، މަސާޖު ޕާލާތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ކަމަށް އާންމުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގަ އެވެ.

އިމިގްރޭޝަނުން މިއަދު ހާމަކުރެއްވި ގޮތުގައި، މި ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިންނެވެ. އަތުލައިގަނެފައިވާ ފަރާތްތަކަކީ، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަންހެނުންނެވެ.

މި ހަފުތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލޭގެ އަށް މަސާޖް ޕާލާއެއް ފާސްކޮށް އެ ތަންތަން ބަންދުކޮށްފަ އެވެ. އެ އޮޕަރޭޝަންތަކުން ވެސް ވަނީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފަ އެވެ. ނަމަވެސް، ރޭ ފާސްކުރި އެއްވެސް ތަނެއް ބަންދުކުރިކަމަށް މިހާތަނަށް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި މަސާޖުޕާލާތަކުގެ ނަމުގައި ހިންގާ ވަރަށް ގިނަ ތަންތަނުގައި ހަށިވިއްކާ ކަމުގެ ތުހުމަތު އާންމުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ. އަދި ބިދޭސީން ސޯޝަލް މީޑިއާގައި ފާޅުގައި އެފަދަ ކަންކަން އިޝްތިހާރުކުރާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

މަސާޖުޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގާ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައްކާ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved