ސާފުތާހިރުކަމުގެ އެއްވެސް މިންގަނޑަކަށް ނުބަލައި، ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި، ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީންގެ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް އިމިގްރޭޝަނުން ރޭ ބަލައި ފާސްކޮށް، 18 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހާއްސަކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގައި، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ޖުމްލަ 18 ބިދޭސީން ހައްޔަރުކޮށް، އިތުރު ތަހުގީގުތައް ހިންގުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރެއިޑް ކުރެވުނު ތަންތަން ވަރަށް ބޮޑަށް ސާފުތާހިރުކަމެއް ނެތިފައިވާކަން ފާހަގަ ކުރެވުނުއިރު، މި މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް، އަދި އެކި ވައްތަރުގެ ގުޅައާއި ލުއިކާނާ ހިމެނެއެވެ. އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، "އަލިކޮ އިންވެސްމަންޓް" ބްރޭންޑުގެ ނަމުގައި މުރާލި، ރިހާކުރު ޗިޕްސް، ގުޅަ ޕެކެޓު އަދި މަސް ޕެކެޓު ފަދަ ތަކެތި ބަންދުކޮށްފައި ހުއްޓެވެ. މި ބްރޭންޑުގެ އުފެއްދުންތައް އާންމުކޮށް މާލޭގެ އެކި ފިހާރަތަކުގައި ވެސް ވިއްކާކަން ވަނީ އެނގިފައެވެ.
ހައިރާންކުރުވަނިވި ގޮތަކަށް، މި ބިދޭސީން ކާބޯތަކެތި ތައްޔާރުކޮށް ބަންދުކުރަމުން ދިޔައީ އެ މީހުން ނިދުމަށް ބޭނުންކުރާ ކޮޓަރީގެ ބަންކު ބެޑުތަކުގެ މަތީގައެވެ. މީގެ އިތުރުން، ފޮޓޯތަކުން އެނގޭ ގޮތުގައި، ބައެއް މީހުން ކެއްކުމަށް ބޭނުންކުރަމުން ދިޔައީ ފާހާނާއެކެވެ. ފާހާނާ ތެރޭގައި އުނދުން ބަހައްޓައިގެން ކެއްކުމަށް ބޭނުންކުރާ ތެލިތައް ވެސް ފެނިފައިވެއެވެ. ތެލުލުމަށް ތައްޔާރުކޮށްފައި ހުރި ގުޅައާއި ކޮށާފައި ހުރި ފިޔާ ތަށިތައް ވެސް ހުރީ ފުއް ގޯނިތައް މަތީގައެވެ. ތެލުލާފައި ހުރި ލުއިކާނާ އަޅާފައި ހުރީ ބޮޑެތި ރަބަރު ތަށިތަކާއި ހުސްކޮށިގަނޑުތަކަށެވެ.
މިފަދަ ނުތާހިރުކަންމަތީގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ގެތަކާއި ފްލެޓުތައް އިމިގްރޭޝަނުން މި ފަހުން ވެސް ވަނީ ރެއިޑްކޮށް، ގިނަ ބިދޭސީންތަކެއް ހައްޔަރުކޮށްފައެވެ.