ބްރެޒިލްގެ ފަތުރުވެރިއަކު ގޭންގް ރޭޕްކޮށް ފިރިމީހާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިޔާ ފުލުހުން ބުނެފިއެވެ.
ހުޅަނގު ބެންގަލް ސްޓޭޓުން އަވަށްޓެރި ނޭޕާލަށް ސައިކަލުގައި ދަތުރުކުރަމުންދިޔަ މި ދެމަފިރިން ފެނުނީ ހުކުރު ދުވަހުގެ ރޭ ދަންވަރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށް ޖަރުކަންދު ސްޓޭޓްގެ ޑަމްކާ ޑިސްޓްރިކްޓް ޕޮލިސްގެ ސުޕައިންޓެންޑެންޓް ޕިޓަމްބަރު ސިންގް ޚެރްވާރު ވިދާޅުވި އެވެ.
އެމީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން، އެ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށް ޑޮކްޓަރަށް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ކަމުގައި ހިމެނޭ މީހުންގެ ދެނެގަނެ، ތިން މީހަކު ހައްޔަރުކޮށްފައެވެ.މި ތަހުގީގަށް ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ޚަރްވާރު ވިދާޅުވި އެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ މި ހަމަލާގެ ޝިކާރައަކަށްވި ދެމަފިރިން ހޮނިހިރު ދުވަހު އެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި "އަހަރެމެންގެ ކަރުގައި ވަޅި (ހިފަހައްޓާފައި)" ހުރި ކަމަށް ޕޯސްޓެއް ކުރުމުންނެވެ.
މި ދެމަފިރިން ސްޕެނިޝް ބަހުން ޕޯސްޓް ކުރިއިރު، އެ އަންހެން މީހާ އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ބުނަނީ އޭނާއަކީ ބްރެޒިލް މީހެއް ކަމަށެވެ.
އެމީހުންގެ އިންސްޓަގްރާމް ސްޓޯރީގައި އެ އަންހެން މީހާ މޫނުމަތީގައި ހުރި ޒަޚަމްތައް ދައްކަމުން، “މިއީ އަހަރެންގެ މޫނު ފެންނަ ގޮތް، އެކަމަކު އެއީ އެންމެ ތަދުވާ ތަނެއް ނޫން. އަހަރެން ހީކުރީ މަރުވާނެ ކަމަށް.”
ހުކުރު ދުވަހު ފޮލޯއަޕް ޕޯސްޓެއްގައި އެ ދެމަފިރިން ވަނީ ފޮލޯވަރުންގެ ސަޕޯޓަށް ޝުކުރު އަދާކޮށް، އެމީހުންގެ ކަންތައްތައް ރަނގަޅު ކަމަށް ބުނެ، ބާކީ ތިބި މީހުން ހިފުމަށް "ފުލުހުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ" ކަމަށެވެ.