March 15, 2026
Advertisement
.
. / ތޭރަ އޮންލައިން

ސަރުކާރުން ގަސް ކަނޑާއިރު، ސިޓީ ކައުންސިލްގެ ހުއްދައާ ނުލާ އެކަން ކުރާނަމަ ފިޔަވަޅު އެޅެން ޖެހޭނެ: ޒަރިޔަންދު

Faina Faiz
ފައިނާ ފާއިޒް
Dec 22, 2025, 10:37 PM
މާލެ ސިޓީ

ސަރުކާރުން ގަސް ކަނޑާއިރު، ސިޓީ ކައުންސިލްގެ ހުއްދައާ ނުލާ އެކަން ކުރާނަމަ ފިޔަވަޅު އެޅެން ޖެހޭނެކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ ގައުމީ ކެނޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، މާލޭގެ މަގާއި، ކައުންސިލް ބިންތަކުގައި ހުންނަ ގަހަކީ، ސިޓީ ކައުންސިލްގެ ޒިންމާގައިހުރި ތަކެތި ކަން އެނގޭއިރު، މަގުމަތީ ހުރި ގަސްތަކެއް ސަރުކާރުން ކަނޑާނަމަ، އެކަން ކައުންސިލަށް ކުރިން އަންގާނެ ކަމަށެވެ.

އަދި ސަރުކާރުން އެނޫންގޮތަކަށް އަމަލުކުރާނަމަ ކައުންސިލުން ޤާނޫނު އިޙްތިޔާރުކޮށް ޒިންމާނަގަން ޖެހޭނެކަމަށްވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ބިންތައް ކަމުގައިވާ، މުނިސިޕަލް ޕްރިމިސްތަކާއި، ޕަބްލިކް ޕާކްތަކާއި، މަގުމަތީގައި ހުންނަ ރިޒާވްތަކަކީ ކައުންސިލްގެ އެސެޓްތަކެއްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އަދި ކައުންސިލުން ދޫކުރާ ބިމުގައި ހުރި ގަސްތައް ރުހުމެއް ނެތި ނަގާނަމަ، ކައުންސިލުން ރަސްމީކޮށް ގާނޫނީ ބާރަށް ޑިމާންޑްކޮށް، ކައުންސިލްގެ ގަރާރެއް ފާސްކޮށް، އޮވަރސައިޓް ބޮޑީސްތަކަށް ބަދަލުކުރަން ޖެހޭކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

އެއްވެސް ގަހެއް ނައްތާލުމުގެ ކުރިން ގާނޫނީ މަރުހަލާ ނިންމުމަށްފަހު، ތިމާވެއްޓާ ގުޅޭ ވުޒާރާއިން ރުހުން ލިބިގެން، ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.

އިތުރަށް ޒަރިޔަންދު ވިދާޅުވީ، އާބަން ގަސްތައް ހިމާޔަތްކުރުމަކީ އާންމު ސިއްހަތާއި، ދިރިއުޅުމުގެ މާހައުލު ހިމާޔަތްކުރުންކަމަށެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުން މާލެގެ އެކި ސަރަހައްދުތަކުގައި ހުރި އެތައް އަހަރެއް ވީ ގަސްތައް ކަނޑަމުން ގެންދާ ގެންދިޔުމާއި ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved