
ރާއްޖޭގައި މިހާރު އިންތިހާއަށް ޑޮލަރު ރޭޓު މަތިވެގެން އުޅެނީ ޑޮލަރުގެ ބޭނުން ސަރުކާރުން ކުރަމުންދާ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ގައުމުގެ މަލީ ހާލަތާ އަދި ދަރަނީގެ ތަފްސީލު ހިއްސާކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ޒަރިޔަންދު ވިދާޅުވެފައިވަނީ، ޑޮލަރު މާރުކުރަން ގާނޫނެއް އެކުލަވާލާ އެކަން ކުރަން ވިޔަފާރިވެރިންނަށް މަޖްބޫރުކޮށް، އެމްއެމްއޭއަށް ޑޮލަރު މާރުކުރުވި ނަމަވެސް އެކަމުގެ ފައިދާ ނުކުރާ ކަމަށެވެ. އެގޮތުން ރިކަރަންޓު ޚަރަދުތަކާ ކަންކަން ފޫބައްދަން އެ ޑޮަލަރު ނެގުމުގެ ނަތީޖާވެސް ޑޮލަރު އަގުބޮޑުވުމުގެ ތެރޭގައި ހިމެނޭ ކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، އެންމެ ރަގަޅަށް އެކަންކަން އެނގޭނީ ޑޮލަރު މާރުކުރާ ތަނަކަށް ދިއުމުން ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވަނީ ބޭރު ފައިސާ ރައްކާކުރަން އެސްޑީއެފް އެކައުންޓެއް ހުޅުވި ކަމަށާ އޭރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރުވެސް ލިބިގެން ދިޔަ ކަމަށެވެ. އޭގެ ފަހުން އެމްޑީޕީ ސަރުކާރު އައިސްވެސް 16.50 ރުފިޔާއަށް ވުރެ މައްޗަށް ނާރާ ހުރިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، މިހާރު 20 ރުފިޔާއާ 21 ރުފިޔާއާ ދެމެދުގައި އެމެރިކާ ޑޮލަރު އުފުލިފައިވާ ކަމަށާ އޭގެ ސަބަބީ އެތެރޭގައި ހުރި ޑޮލަރު ނަގާ ބޭރުގެ ދަރަނި އަދާކުރުން ކަހަލަ ކަންކަން މި ސަރުކާރުން ކުރަމުން ގެންދާތީ ކަމަށެވެ.










