
ދަރަނިވެރިކަމުން ސަލާމަތްވުމަކީ ޖުމްލަ ދަރަނީގެ މިންވަރު ހަގީގީ މާނައިގައި ކުޑަކުރުން ކަމަށާއި، އެއީ އިތުރު ދަރަނި ނަގައިގެން މިއަދު އުފާލިބިގަތުން ނޫން ކަމަށް ބުނެ އިސްމާޢީލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޒަރިޔަންދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދަރަނީގެ މައްޗަށް އިތުރު ދަރަނި ނަގައިގެން މިއަދު "އަޗާތަޅަމުން" ދިއުމަކީ، މާދަމާގެ ޖީލުތަކަށް އުފުލަންޖެހޭ ބޮޑު ބުރައެއް ވާރުތަކުރުވުން ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ދަރަނި މެނޭޖްކުރުމުގައި މިހާރަށްވުރެ ޒިންމާދާރުވާންޖެހޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.
ޒަރިޔަންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަގީގީ މާނައިގައި ދަރަނިން ސަލާމަތްވުމަކީ އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނީގެ ބުރަ ނޭޅުވުމެވެ. މިހާރު ފެންނަމުންދާ "ދަރަނި ރީފައިނޭންސް" ކުރުމުގެ ސަގާފަތުގެ ސަބަބުން ވަގުތީ ހައްލެއް ލިބުނު ކަމުގައިވިޔަސް، މިއީ ދިގު މުއްދަތުގައި ގައުމުގެ އިގްތިސާދަށް އޮތް ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.










