
ރާއްޖޭގެ މާލީ އުސޫލުތައް ހަރުދަނާ ނުކުރާނަމަ، މާލީގޮތުން ފިތި ޗަސްވުމާއި ކުރިމަތިލާންޖެހޭނެ ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
މިފަހަރު މާލެ ސިޓީގެ މޭޔަރުކަމަށް ވެސް ކުރިމަތިލެއްވި ޒަރިޔަންދު މިފަދައިން ވިދާޅުވީ، ލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ މާލީ ނިޒާމުގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޒަރިޔަންދު ވިދާޅުވެފައިވާ ގޮތުގައި، އެމްއެމްއޭގެ އޮޑިޓް ރިޕޯޓުގެ ބޭރުފުށުން ހުރިހާ ކަމެއް ސާފުކަމަށް ލިޔެފައި އޮތް ނަމަވެސް، ރިޕޯޓުގެ ތަފްސީލުން ފެންނަ ހަގީގަތަކީ އެ އޮތޯރިޓީގެ އަހަރުގެ ފައިދާ 40 އިންސައްތަ ދަށަށް ގޮސްފައިވާ ކަން ކަމެވެ. އަދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ދެއްކުމަށް ދައުލަތުގެ މާލިއްޔަތު ތައްޔާރަށް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ޒަރިޔަންދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އެމްއެމްއޭގެ މިލްކިއްޔާތުގެ 42 އިންސައްތައަކީ ސަރުކާރުގެ ބޮންޑު ކަމަށާއި، އާންމުންގެ 9.5 ބިލިއަން ރުފިޔާގެ ޑިޕޮސިޓްތަކަށް ރައްކާތެރިކަން ދިނުމަށް ހުރީ އެންމެ 68،000 ރުފިޔާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ހަމައެހެންމެ ދައުލަތް ބަނގުރޫޓު ނުވެ އޮތްކަމަށް ރިޕޯޓުން ފެނުމަކީ ރައްކާތެރިކަން ކަށަވަރުވުން ނޫންކަން ފާހަގަކުރައްވާ ޒަރިޔަންދު ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާ ވާން ޖެހޭކަން މި ރިޕޯޓުން އެނގޭކަމަށްވެސް ވިދާޅުވެފައެވެ.
ޒަރިޔަންދު ކުރެއްވި އިތުރު ޕޯސްޓެއްގައިވަނީ، ދަރަނީގެ މައްޗަށް ދަރަނި ނެގުމުގެ ދަތިކަމާއި، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމުގެ ފުރުސަތު ހަނިވަމުން ދިއުމަކީ މާލީ އިތުބާރު ގެއްލެމުންދާ ކަމުގެ ސާފު ނިޝާނެއް ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން އުފެދޭ މާލީ ނުރައްކާތަކަށް އަޅާނުލުމަކީ ހިންގުންތެރިކަމުގެ ބޮޑު މައްސަލައެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޒަރިޔަންދު ވަނީ މިހާރުން މިހާރަށް މާލީ އުސޫލުތައް ހަރުދަނާ ނުކޮށްފިނަމަ، މާލީ ގޮތުން "ފިތި ޗަސްވުމާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.










