
ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދަރަނީގެ ހިސާބު އޮޅިފައިކަމަށް ބެލެވޭ ކަމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި ވެރިން ދަރަނި ނަގާފައިވާ ގޮތުގެ ހިސާބުތަކާ އެކު ހުށަހެޅުއްވި ޕްރޒެންޓޭޝަނާ އެކު ޒަރިޔަންދު ވިދާޅުވީ، 1978 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ދަރަނި 4 މިލިއަން ޑޮލަރު އޮތް ކަމަށް އައިއެމްއެފުން ރިޕޯޓު ދައްކާކަމަށާ އެހެންކަމުން ރައީސް މައުމޫނުގެ ދައުރު ފެށުނުއިރު 4 މިލިއަން ޑޮލަރު އޮތް ކަމަށެވެ. އޭގެ ފަހުން ރައީށް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރު، 110 ބިލިއަންގެ ގޮތުގައި އޮތް ކަމާ އަދި މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަ ވެގެން އެ އަދަދު އައިސްފައިވާއިރު، މިހާރު މި ސަރުކާރުގައި މިއަހަރުގެ މިހާތަނަށް 158 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތްއިރު، އަހަރު ނިމެން ދާއިރު 167 ބިލިއަނަށް ވުރެ މައްޗަށް އެ އަދާދު އަރާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
މީގެ އިތުރުން ފޮތްތައް ކައްކައިގެން ދަރަނީގެ އަސްލު ހިސާބުތަކުން އޮޅުވާލަން މަސައްކަތްކުރާނެކަން ހާމަކުރައްވާ ޒަރިޔަންދު ވިދާޅުވީ، 2023 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގައި ދަރަނި ރިކަރަންޓު ހަރަދަށާ ދަރަނި ދައްކަން ވެސް ދަރަނި ނުނެގޭނެ ހެން އޮތްއޮތުން ބަދަލުތަކެއް ގެނައުމުން ދަރަނި ނެގި މިންވަރު ބަލާ ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ގެންދަވަނީ ދަރަނި ދައްކަން ދަރަނި ނަގަމުން ކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
އެގެނައި ބަދަލާ އެކު ވެރިކަން ލިބުނީ މޮޔައެއްގެ އަތަށް ކަމަށްވެފައި، ނެޓު ޑެޓު އިތުރުވުމަކީ އެ ވެރިކަމެއްގައި އުފެދޭ ދަރަނިކަމަށް ކުރިން މާނަކުރަމުން އައި އައުން ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.










