ފަލަސްތީނު ދިދަ ހިފައިގެން މުސްލިމުންތަކެއް
ދުނިޔެ
އަރަބިންގެ ތެރެއިން %90 ތާއީދުކުރަނީ ހަމާސްއަށްކަން ހާމަވެއްޖެ
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
10 ޖެނުއަރީ 2024
ފަލަސްޠީން

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާޢަތުން އޮކްޓޯބަރު 7 ވަނަ ދުވަހު ޔަހޫދީންނަށް ދީފައިވާ ޙަމަލައަކީ ޙައްޤު ސަބަބެއްގައި ފަށާފައިވާ ޖިހާދެއްގެ ގޮތުގައި ޢަރަބިންގެ ތެރެއިން %90 މީހުން ޤަބޫލުކުރާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ޢަރަބް ސެންޓަރ ފޯ ރީސަރޗް އެންޑް ޕޮލިސީ ސްޓަޑީޒުން ހަދާފައިވާ ސަރވޭއަކުންނެވެ.

އެ ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %90 މީހުން ދެކެނީ ޙަމާސުން ޔަހޫދީންނަށް ދީފައިވާ ހަމަލާއަކީ ޖިހާދެއްގެ ގޮތުގައެވެ. އެ ސަރވޭގައި 16 ޢަރަބި ޤައުމަކުން 8,000 މީހުން ބައިވެރިވިއެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން %19 މީހުން ބުނެފައި ވަނީ ޙަމާސްގެ ހަމަލާއަކީ ޙައްޤު ޖިހާދެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ހަމަލާތަކުގައި މައްސަލަތަކެއް ހުރި ކަން ފާހަގަ ކުރާ ކަމުގައެވެ. އަދި %3 މީހުން ބުނީ އެއީ ޙައްޤު ޖިހާދެއް ނަމަވެސް ޙަމާސުން އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ. ޙަމާސްގެ ހަމަލާއާއި ދެކޮޅުކަން ހާމަކޮށްފައި ވަނީ ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %5 މީހުންނެވެ.

ސަރވޭގައި ބައިވެރި މީހުންގެ ތެރެއިން %92 މީހުން ފަލަސްޠީނުގެ ރައްޔިތުންނާ އެކު ދެމިތިބި ކަން ހާމަ ކޮށްފައިވާ ކަމުގައި ޢަރަބް ސެންޓަރ ފޯ ރީސަރޗް އެންޑް ޕޮލިސީ ސްޓަޑީޒުން ބުނެއެވެ. އަދި ސަރވޭގެ ބައިވެރިންގެ ތެރެއިން %62 މީހުން ޙަމާސަށް ތާޢީދު ކުރާ ކަން ހާމަކޮށްފައިވެއެވެ. ޙަމާސްއާ ދެކޮޅު ކަން ހާމަ ކޮށްފައި ވަނީ އެންމެ %23 މީހުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 23,357 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 59,410 އަށް އަރައެވެ. އޭގެ ތެރޭގައި 9,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved