
އޭނާގެ އުއްމީދަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ އިތުބާރު ހޯދައިދިނުން ކަމަށް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަށް އޮތް އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލުނު ސަބަބުތަކުގެ ގޮތުގައި ޒަރިޔަންދު މޭޔަރު ކަމަށް ނުކުންނަވާކަން އިއުލާންކުރައްވާ ދެއކެވި ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށައި ސިޓީ ކައުންސިލްތަކަށް މައިގަނޑު މުނިސިޕަލް ތަރައްގީގެ ޒިންމާ ހަވާލުކުރެވުނުއިރު މާލެ ސިޓީ ކައުންސިލަށް އެކަށީގެންވާ އިދާރީ ރޭވުންތެރިކަން ނުގެނެވުމާ، ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން އެންމެ އިސްކަން ދޭން ޖެހޭ އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ފަސްޖެހުމާ، ރާއްޖޭގެ ޖީޑީޕީގެ އެންމެ ބޮޑު ހިއްސާއެއް ހިމެނޭ ރާއްޖޭގެ ޓެކްސް އާމްދަނީ އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދޭ އިދާރީ އޮފީހުގެ މާލިއްޔަތު ހަމައަކަށް ނޭޅުވުމާ އެ އިދާރާގެ އޯޑިޓު ރިޕޯޓެއްވެސް ނެތުމުގެ އިތުރުން ރައްޔިތުންގެ ބައިވެރިވުމާ މަޝްވަރާއާ ހާމަކަން ބޮޑު މާހައުލެއް ނެތުމުން ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލި ލާމަރުކަޒީ ނިޒާމެއްގެ ފެއިލްވުން ފެނިގެން ދިޔަކަން ޒަިރިޔަންދު އެ ރޭ ފާހަގަކުރެއްވިއެވެ.
އެ ވާހަކަތަކުގެ ވީޑިއޯ ހިއްސާ ކުރައްވާ ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހެންކަމުން އޭނާ ނުކުމެ ހުންނެވީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމުގެ އުއްމީދުގައި ކަމަށެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލް މިހާރު އޮތީ ބޮއްސުންލައިގެން ގޮސް ތަން ނަގާ ކޮޅަށް ޖަހަން ހިތްވަރު ގަދަ މޭޔަރަކަށް ބޭނުންވެފައިކަމަށް ގިނަ ރައްޔިތުން ދެކެއެވެ.










