ރަތް ކަނޑުގެ ސަބްސީ އިންޓަނެޓް ކޭބަލްތައް ކަނޑާލުމުން ޔޫރަޕާއި އޭޝިއާ ގުޅިފައި ބެހެއްޓުމަށް ސެޓެލައިޓް ބޭނުންކޮށްފިއެވެ.
ރަތް ކަނޑުގެ ގާތްގަނޑަކަށް 15 ސަބްމެރިން ކޭބަލެއްގެ ތެރެއިން ހަތަރު ކޭބަލަށް އަސަރުކޮށްފައިވާ ކަމަށް ހޮންކޮންގުގެ ކޭބަލް އޮޕަރޭޓަރު އެޗްޖީސީ ގްލޯބަލް ކޮމިއުނިކޭޝަންސް އިން ބުނެފި އެވެ.
މީގެ ތެރެއިން ދެ ކޭބަލަކީ އެއްކޮށް އޮތް ދެ ކޭބަލެވެ. އެހެންކަމުން ކަނޑާލާފައިވަނީ 3 ކޭބަލެވެ.
އެޗްޖީސީން މާޗް ހަތަރު ވަނަ ދުވަހު ނެރުނު އަޕްޑޭޓެއްގައި ބުނެފައި ވަނީ އޭޝިއާ، ޔޫރަޕް އަދި މެދުއިރުމައްޗާ ދެމެދު ދަތުރުކުރާ އިންޓަނެޓް ޓްރެފިކްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ބުރޫއަރާފައިވާ ކަމަށެވެ.
ރަތް ކަނޑުގައި ބޯޓުތަކަށް ހަމަލާދެމުން އަންނަ ޔަމަނުގެ ހޫތީން ކަމަށް ހުޅަނގުން ތުހުމަތު ކުރެވެއެވެ. ނަމަވެސް ހޫތީން މިކަން ދޮގުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ ޔުނިޓްތަކަށް ތުހުމަތު ކޮށްފައިވެއެވެ.
ސީކޮމްގެ އެގްޒެކެޓިވްއަކު ސީއެންއެންއަށް ވިދާޅުވީ ޔަމަނުގެ މެރިޓައިމް އޮތޯރިޓީން ހުއްދަ ލިބިއްޖެނަމަ ކޭބަލްތައް މަރާމާތު ކުރަން އަށް ހަފްތާގެ މުއްދަތެއް ނަގާފާނެ ކަމަށެވެ.
މި ވަގުތު ސަބްސީ ކޭބަލް އޮޕަރޭޓަރުން ދަނީ ބައްރުތަކުގެ މެދުގައި އިންޓަނެޓް ޓްރެފިކް ރީރޫޓް ކުރަމުން، ބައެއް ފަހަރު މަދު ރޫޓުތަކެއް މެދުވެރިކޮށެވެ.
"މިސާލަކަށް އިރުމަތީ އެފްރިކާގައި އިންޓަނެޓް ފުދޭވަރަކަށް ލަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭ،" ސެޓެލައިޓް ފްލީޓް އޮޕަރޭޓަރު އިންޓެލްސެޓްގެ މީޑިއާ އަދި ނެޓްވޯކް ވިއްކުމުގެ ސަރަހައްދީ ނައިބު ރައީސް ރައިސް މޯގަން ވިދާޅުވި އެވެ.
އިންޓަނެޓް ކަނެކްޝަން ލަސްވުމުން މިޝަން ކްރިޓިކަލް ޑޭޓާ ހުންނަ ކުންފުނިތަކަށް މާލީ އަސަރު ކުރާ ކަމަށް މޯގަން ވިދާޅުވި އެވެ.
މޯގަން މާޗް 5 ގައި ސްޕޭސްނިއުސް އަށް ވިދާޅުވީ ރެޑް ސީގެ ހާދިސާގެ ކުރިން ސަބްސީ ކޭބަލް މެދުވެރިކޮށް ޑޭޓާ ފޮނުވަމުން ދިޔަ ދެތިން ކަސްޓަމަރަކަށް އިންޓެލްސެޓް ސެޓެލައިޓްތަކުން ބެކަޕް ކަނެކްޓިވިޓީ ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޭބަލްތައް ކަނޑާލީ ކިހިނެއް ކަމެއް އަދި ސާފެއް ނުވި ނަމަވެސް، ކަނެކްޓިވިޓީގެ މައްސަލަތަކުގެ ސަބަބުން ހައިބްރިޑް ސަބްސީ ކޭބަލް އަދި ސެޓެލައިޓް ނެޓްވޯކްތަކުގެ ބޭނުން ބޮޑުވަމުންދާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.