އޭއައި އިންޑަސްޓްރީގެ ޗައިނާގެ ދެ ކުންފުންޏަކާ އެކު ސިއްރުން މަސައްކަތް ކުރަމުން ދިޔަ ޓެކް ޖަޔަންޓު ގޫގުލްގެ މުވައްޒަފެއް އާޓިފިޝަލް އިންޓެލިޖެންސްގެ ޓްރޭޑް ސީކްރެޓްސް ވަގަށް ނަގައި މި ކުންފުނިތަކަށް ފޯރުކޮށްދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވ އަންގާރަ ދުވަހު އުފުލައިފި އެވެ.
ލިއޮން ޑިންގް މައްޗަށް ދައުލަތުން އުފުލާފައި ވަނީ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމުގެ ހަތަރު ދައުވާ އެވެ. ކުށް ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
"އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އާޓިފިޝަލް އިންޓެލިޖެންސާއި އެހެނިހެން ޒަމާނީ ޓެކްނޮލޮޖީތައް ވަގަށް ނެގުމަކީ ޖަސްޓިސް ޑިޕާޓްމަންޓުން ތަހައްމަލު ނުކުރާނެ ކަމެއް،" އެޓާނީ ޖެނެރަލް މެރިކް ގާލަންޑް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
ކެލިފޯނިއާގައި ދިރިއުޅޭ އުމުރުން 38 އަހަރުގެ ޗައިނާ ރައްޔިތެއް ކަމަށްވާ ޑިންގްގެ މައްޗަށް ތުހުމަތު ކުރެވެނީ 2022 ވަނަ އަހަރުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ގޫގުލްގެ ސިއްރު މައުލޫމާތު ހިމެނޭ 500 އަށް ވުރެ ގިނަ ފައިލް އޭނާގެ އަމިއްލަ އެކައުންޓަށް ކޮޕީކޮށްފައިވާ ކަމަށެވެ. މިފައިލްތަކުގައި ގޫގުލްގެ ޒަމާނީ ސުޕަކޮމްޕިއުޓިން ޑޭޓާ ސެންޓަރުތަކުގެ ބިލްޑިން ބްލޮކްތަކާ ބެހޭ މައުލޫމާތު އެކުލެވޭ ކަމަށް ޕްރޮސެކިއުޓަރުން ބުނެ އެވެ.
ގޫގުލްގައި އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން، ޑިންގް ވަނީ ގޫގުލްގެ ސުޕަކޮމްޕިއުޓިން ޑޭޓާ ސެންޓަރުތަކުގައި ޑިޕްލޮއިޑް ސޮފްޓްވެއާ ތައްޔާރުކުރުމުގައި އެހީތެރިވެދީފަ އެވެ. އެ މަސައްކަތުގެ ސަބަބުން ޑިންގް އަށް ގޫގުލްގެ "ހާޑްވެއާ އިންފްރާސްޓްރަކްޗާ އާއި ސޮފްޓްވެއާ ޕްލެޓްފޯމް އަދި މިތަކެތި ސަޕޯޓް ކުރާ އޭއައި މޮޑެލްތަކާއި އެޕްލިކޭޝަންތަކަށް" އެކްސެސް ލިބުނެވެ.
ޑިންގް ގޫގުލްގެ ފައިލްތައް ކޮޕީ ކުރަން ފެށި ކަމަށް ތުހުމަތު ކުރެވޭތާ މަދު މަސްކޮޅެއް ފަހުން ޗައިނާގައި ހުންނަ "އާލީ ސްޓޭޖް ޓެކްނޮލޮޖީ ކުންފުންޏެއްގެ" ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމު އޭނާއަށް ހުށަހެޅި ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެ އެވެ. ޑިންގް ޗައިނާއަށް ދަތުރުކުރި ކަމަށް ތުހުމަތު ކުރެވޭއިރު، އެތަނުން ކުންފުންޏަށް ފައިސާ ހޯދުމަށް އިންވެސްޓަރުންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ކުންފުންޏަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޑިންގް އަކީ އެގްޒެކެޓިވް އެއް ކަމަށާއި ކުންފުނީގެ %20 ހިއްސާގެ މިލްކުވެރިއެއް ކަމަށް ބުނެފައިވެއެވެ.
ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑިންގްގެ ތުހުމަތު ކުރެވޭ ކަންތަކުގެ ފުރިހަމަ ތަހުގީގެއް ހިންގައި އެ މައްސަލަ އަވަހަށް އެފްބީއައި އަށް ފޮނުވާފައިވާ ކަމަށެވެ. ޑިންގް އަކީ ޖޫނިއާ މުވައްޒަފެއް ކަމަށް ގޫގުލްގެ ތަރުޖަމާނު ޖޯސޭ ކަސްޓަނޭޑާ ސީއެންއެން އަށް ވިދާޅުވި އިރު، ގޫގުލް ޑްރައިވް އަދި ޑްރޮޕްބޮކްސް ހިމެނޭ ގޮތަށް ކްލައުޑް ސްޓޯރޭޖް ޕްލެޓްފޯމްތަކަށް ފައިލް ޓްރާންސްފާ ކުރާ ގޮތް އެ ކުންފުނިން މޮނިޓަރ ކުރެ އެވެ.
"އަޅުގަނޑުމެންގެ ސިއްރު ވިޔަފާރީގެ މައުލޫމާތާއި ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުން ހުއްޓުވުމަށް އަޅުގަނޑުމެން ހަރުކަށި ފިޔަވަޅުތައް އަޅާފައިވޭ،" ކަސްޓަނޭޑާ ވިދާޅުވި އެވެ. “ތަހުގީގަކަށް ފަހު އަޅުގަނޑުމެންނަށް އެނގުނީ މި މުވައްޒަފު ވަގަށް ނަގާފައިވާ އެތައް ލިޔެކިޔުންތަކެއް ހުރިކަން، އަދި އަޅުގަނޑުމެން ވަރަށް އަވަހަށް އެ މައްސަލަ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ފޮނުވިން. އަޅުގަނޑުމެންގެ މައުލޫމާތު ހިމާޔަތް ކުރުމަށް އެހީތެރިވެދިން އެފްބީއައިއަށް އަޅުގަނޑުމެން ޝުކުރުވެރިވަން އަދި އެމީހުންނަށް ގާތުން އެއްބާރުލުން ދެމުން ގެންދާނަން."