ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި، ތަންފީޛުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ އެއްވެސް ފަރާތަކަށް އޮތް އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި، ތަންފީޛުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ އެއްވެސް ފަރާތަކަށް އޮތް އިޚްތިޔާރީ ކަމެއް ނޫންކަމަށެވެ.
އެއީ 2010 ވަނަ އަހަރު އުފެދުނު ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެއްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ނުވަތަ ސިޓީގެ ކަންކަން ނިންމުމުގެ ބާރު އެ ރަށެއްގެ ރައްޔިތުންނަށް ދިނުންކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރިޕޯޓުކުރުމާއި ޕްލޭންކުރުމުގައި ރައްޔިތުން ބާކީކުރުމަކީ ޤާނޫނުގެ ރޫޙާ މުޅިން ޚިލާފުކަމެއްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ފުލް އެންޑޯޒްމަންޓާއެކު މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޒަރިޔަންދު ކުރިމަތި ލައްވަނީ މާލެ ސިޓީގެ ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވައުދުވެއެވެ.
ޒަރިޔަންދު ވަނީ މާލެ ސިޓީގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
ސިޓީކައުންސިލެއްގެ ހިންގުމާއި، ތަރައްޤީގެ ކަންކަން ޕްލޭންކުރުމާއި، ތަންފީޛުކުރުމާއި، ރިޕޯރޓުކުރުމުގައި، ރައްޔިތުން ބައިވެރިކުރުމާއި، ނުކުރުމަކީ އެއްވެސް ފަރާތަކަށް އޮތް އިޙްތިޔާރެއްނޫން؛ ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ ޤާނޫނު 7/2010ން ކައުންސިލަށް ލާޒިމުކުރާކަމެއް.
— Ismail Zariyand (@zariyand) January 20, 2026