
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ދިވެހި ގައުމީ ފިރިހެން ފުޓްސަލް ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ މޭޔަރަލް ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު މަރުހަބާ ވިދާޅުވެ، ކުޅުންތެރިންނަށް ތައުރީފު ކުރައްވައިފިއެވެ.
މި ކާމިޔާބީ ފާހަގަކުރައްވައި ޒަރިޔަންދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ ޓީމުގެ ކުޅުންތެރިންނަކީ "ރަސްރަސްކަލުން" ފަދައިން ސިފަކުރައްވައި، އެ ކުދިންނާ މެދު ނުހަނު ފަޚުރުވެރިވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ހޯދި ޓްރޮފީއެއް ނޫން ކަމަށާއި، މިއީ މުޅި ދިވެހިރާއްޖެ އެއްބައިވެ އުފާފާޅުކުރާ ތާރީޚީ ވަގުތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި މުބާރާތުގެ ތަށި ރާއްޖެއަށް ގެނައުމަށްޓަކައި ކުޅުންތެރިންނާއި، ކޯޗުން އަދި އޮފިޝަލުން ކުރެއްވި ބުރަ މަސައްކަތަށް ޒަރިޔަންދު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފާފާޅުކުރުންތައް ކުރިއަށްދާއިރު، މިއީ ރާއްޖޭގެ ފުޓްސަލްގެ ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
ތައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުޅުނު ފަސް ވަނަ މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދާފައިވަނީ ކުރިއަށް އެއް މެޗު އޮއްވައެވެ. ބޫޓާންގެ މައްޗަށް ރާއްޖޭން ކުރި ހޯދުމާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު ރާއްޖޭން މިވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
ބެންކޮކްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާ އަކުންނެވެ.




