June 1, 2026
Advertisement
-
-

އީރާނަށް ދޭ އާ އުދުވާނަކަށް، ކުރިއަށްވުރެ މާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ސަޔާރީ ދެއްވައިފި

Aiminath Sarah
އައިމިނަތް ސާރާ
May 31, 2026, 07:08 PM
މާލެ ސިޓީ

އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ރިއާ އެޑްމިރަލް ހަބީބުالله ސަޔާރީ، އިރާނަށް ދޭ އާ އުދުވާނީ ކޮންމެ ހަމަލާއަކަށް، ކުރިން ދިން ހަމަލާތަކަށް ވުރެ މާ ވަރުގަދަ ޖަވާބެއް ލިބޭނެ ކަމަށް ވިދާޅުވެ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Advertisement

އީރާނުގެ އަސްކަރިއްޔާގެ ކޯޑިނޭޓިން ޑެޕިއުޓީގެ މަގާމުވެސް ފުރުއްވާ ސަޔާރީ މިހެން ވިދާޅުވީ، އިސްލާމީ ބޮޑު ބާރެއްގެ ގޮތުގައި އޮތް އީރާނުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް އިޒްރޭލުން ނުވަތަ އެހެން ފަރާތަކުން ހިންގައިފިނަމަ އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ބަޔާންކުރައްވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުން މިހާތަނަށް ދީފައިވާ ރައްދުތަކަކީ ހަމައެކަނި އިންޒާރެކެވެ.

މި އިންޒާރު ދެއްވާފައިވަނީ ފާއިތުވި މަހު އިޒްރޭލުން އީރާނުގެ ބައެއް އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ސަޔާރީ ވިދާޅުވީ އީރާނުގެ ދިފާއީ ބާރުތައް އޮތީ ކޮންމެ ވަގުތެއްގައިވެސް ގައުމު ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ދުޝްމަނުންގެ ކޮންމެ ހަމަލާއަކަށް ހައްގު ޖަވާބު ދޭނެ ކަމަށެވެ.

އީރާނުން މީގެ ކުރިން ވަނީ 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް' ގެ ނަމުގައި އިޒްރޭލަށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އެޑްމިރަލް ސަޔާރީ އިތުރަށް ވިދާޅުވީ، އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު ހުރީ ކުރިއަށްވުރެ އެތައް ގުނައެއް ވަރުގަދަކޮށް ކަމަށާއި، ދުޝްމަނުންގެ ހަމަލާތަކަށް ދޭނެ ރައްދު މިހާރު އޮތީ ތައްޔާރުކޮށް ނިމިފައި ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހު މިހާ ބޮޑަށް ނުތަނަވަސްވެފައި މިވަނީ، ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި، ސަރަހައްދީ ގައުމުތަކުގެ ސިޔާދަތަށް އިޒްރޭލުން އަރައިގަންނަމުންދާތީއެވެ. އީރާނުގެ ލީޑަރާއި ސަރުކާރުގެ އިސްވެރިންވެސް ވަނީ، ގައުމުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ގައުމުން އިސްވެ ހަނގުރާމައެއް ފަށަން ބޭނުންނުވާ ކަމަށާއި، އެހެންނަމަވެސް އަންނަ ކޮންމެ ހަމަލާއަކަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved