May 31, 2026
Advertisement
ރާއްޖޭގެ 10 ޕަސެންޓު މީހުންވެސް ގަބޫލުނުކުރާނެ މި ސަރުކާރު ހިނގަނީ ހަމަތަކުގެ މަތިންކަން: ރައީސް ޔާމީން
ރާއްޖޭގެ 10 ޕަސެންޓު މީހުންވެސް ގަބޫލުނުކުރާނެ މި ސަރުކާރު ހިނގަނީ ހަމަތަކުގެ މަތިންކަން: ރައީސް ޔާމީން / ތޭރަ އޮންލައިން

ރާއްޖޭގެ 10 ޕަސެންޓު މީހުންވެސް ގަބޫލުނުކުރާނެ މި ސަރުކާރު ހިނގަނީ ހަމަތަކުގެ މަތިންކަން: ރައީސް ޔާމީން

May 31, 2026, 07:33 PM
މާލެ ސިޓީ

މި ސަރުކާރު ހިނގަނީ ހަމަތަކާ އެއްގޮތަކަށް ކަން ރާއްޖޭގެ 10 ޕަސެންޓު މީހުންވެސް ގަބޫލުނުކުރާނެ ކަމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން ފުލުހުންނަށް ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބުވެފައިވާ ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރަކުން ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާ ނަމަ އެފަދަ ސަރުކާރެއް ދިފާއުކުރަން ފުލުހުންނަށް ޖެހޭތޯ އައްސަވާ ރައީސް ޔާމީން ވަނީ ފުލުހުންނަށް ސުވާލެއް އަމާޒުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 10 އިންސައްތަ މީހުންވެސް މިހާރު މިއޮތް ސަރުކާރު ހިނގަނީ ގާނޫނާއި ހަމަތަކުގެ މަތިން ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ސަރުކާރު ހޮވިފައި އޮތީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވިޔަސް، ސަރުކާރު ދެމިއޮންނަނީ ގާނޫނާ ހިލާފު އުސޫލުތަކެއްގެ މަތީގައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ފުލުހުންނަށް ނަސޭހަތްތެރިވަމުން ރައީސް ޔާމީން ސުވާލު ކުރެއްވީ، "ގާނޫނީ ސަރުކާރެއް އޮތަސް ގާނޫނާއި ޚިލާފު ކަންތައްތައް ކުރާކަމަށްވަންޏާ ފުލުހުންނަށް ޖެހޭތޯ އެ ސަރުކާރު ދިފާޢު ކުރަން؟" މިފަދައިންނެވެ. އަދި ރައްޔިތުންނަށް އަނިޔާވާ ގޮތަށް ގަދަބާރުން އެފަދަ ވެރިކަމެއް ދިފާއުކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއްތޯވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންނާއި ސިފައިންނަކީ ގާނޫނުއަސާސީ އާއި ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ހަމައެކަނި ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭ ބަޔެކެވެ. އެހެންކަމުން، ސިޔާސީ ކަންކަމުގެ ތެރެއަށް އަމަން ބަލަހައްޓަން ތިބޭ މީހުން ވަނުމުގެ ބަދަލުގައި، އެކަންކަން ސިޔާސީ މީހުންނަށް ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved