March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އދ. އަށް ގޮންޖަހައި ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އިން ދުނިޔޭގެ ނިޒާމު ގަޑުބަޑުކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 28, 2026, 02:24 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އަކީ ދުނިޔޭގެ ސުލްހަ ބަލަހައްޓާ މައި އިދާރާ، އދ. ގެ ބާރު ކަނޑުވާލައި، ދުނިޔޭގެ ސިޔާސީ މަސްރަހު ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެ މަޝްރޫއަށް އަމާޒުވެއްޖެއެވެ.

Advertisement

މި ބޯޑަކީ އަސްލު ޣައްޒާގެ ހަނގުރާމައަށްފަހު އެ ތަން އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ބޯޑެއް ނަމަވެސް، މިހާރު ޓްރަމްޕްގެ ވިސްނުން ހުރީ މިއީ ދުނިޔޭގައި އުފެދޭ ކޯޅުންތައް ހައްލުކުރާ މައި މަރުކަޒުގެ ގޮތުގައި ޕްރޮމޯޓް ކުރުމަށެވެ. މިއީ ސީދާ އދ. ގެ ދައުރަށް އަރައިގަނެ، އެމެރިކާގެ ނުފޫޒު ވަކި ގޮތަކަށް ދުނިޔެއަށް ފެތުރުމަށް ކުރާ ނުރައްކާތެރި މަސައްކަތެއްގެ ގޮތުގައި ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ޓްރަމްޕްގެ މި "ބޯޑް އޮފް ޕީސް" އަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޣައްޒާ ބިނާކުރުމުގެ ނަމުގައި ފެށި މި މަސައްކަތަކީ އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކަށް މަގުފަހިކޮށްދީ، ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އދ. އަކީ ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރާ ހަމަތަކެއްގެ މަތިން ހިނގާ މުއައްސަސާއަކަށް ވާއިރު، ޓްރަމްޕް ބޭނުންފުޅުވަނީ އެ މުއައްސަސާ ބާކީކޮށްލުމަށްފަހު، އަމިއްލަ އެޖެންޑާއެއް ކުރިއަށް ނެރުމަށެވެ.

ޚާއްޞަކޮށް ޣައްޒާގެ މައްސަލައިގައި އިންސާފުވެރި ހައްލެއް ހޯދުމުގެ ބަދަލުގައި، މި ބޯޑުން މަސައްކަތް ކުރަނީ އެމެރިކާގެ ވިޔަފާރި މަސްލަހަތުތަކާއި ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް ގޮންޖަހައި، ދުނިޔޭގެ ސުލްހަ އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އދ. ގެ ބާރު ކަނޑުވާލުމަށް ޓްރަމްޕް ކުރައްވާ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، ބާރުގަދަ ގައުމުތަކުން ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމުގެ ސަގާފަތެއް އުފެދިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved