
ހަންބޯ ކުންފުނީގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ކޭޕާކު އެޕާޓުމަންޓުތައް ވިއްކުމުގެ ނަމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ ފައިސާއިން ފައިސާ ޕިއެންސީގެ މޭޔަރ ކެންޑިޑޭޓު ރިޓަޔާޑް ޖެނެރަލް މޫސާ އަލީ ޖަލީލަށް ލިބުނުކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
ސޯޝަލް މީޑިޔާގައި މިފަދަ ކަންކަން ތިލަ ކުރަމުން އަންނަ ހަސަން ކުރުސީގެ އެކްސް ހެންޑްލްގައި މަންޑޭގެ އާއިލާއާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި މަންޑޭގެ ފަރާތުން ކޭޕާކުގެ ފައިސާއިން މަންފާ ހޯދި ބަޔަކު މި ސަރުކާރުގެ ތެރޭގައި ތިބިކަމަށެވެ. އެގޮތުން ދައުލަތުގެ މަތީ އެކި މަގާމުތަކުގައި އެ ފައިސާއިން މަންފާ ހޯދި މީހުން އެބަ ތިބި ކަމަށާ އަދި މިހާރު ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ނެރެފައި ހުރި މޫސާ އަލީ ޖަލީލަށްވެސް ކޭޕާކު ފައިސާއިން ފައިސާ ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ކޭޕާކު ފައިސާއިން 2021 ވަނަ އަަހަރު މޫސާ އަލީ ޖަލީލު ވަނީ 80000 ރުފިޔާ ޒަރޫރީ ބޭނުމަކަށް ކަމަށް ބުނެ ނަގާފައިކަމަށް މަންޑޭގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށާ އެ ފައިސާ ދީފައިވަނީ މޫސާ އަލީ ޖަލީލު ފޯނުން އެތައް ފަހަރަކު ގުޅާ އާދޭސްކޮށް އުނދަގޫ ކުރުމުން ކަމަށާ އެ ފައިސާ ބަލާ މޫސާ އަލީ ޖަލީލު ގޮސްފައިވަނީ ކޭޕާކު އޮފީހަށް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ މަންޒަރުތައް ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖުވެސް އެބަހުރި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މަންޑޭގެ އާއިލާއިން ބުނާ ގޮތުގައި މޫސާ އަލީ ޖަލީލާ އަދިވެސް ސަރުކާރުގެ ތެރޭގައި ހިމެނޭ ބޮޑުންތަކެއް، ކޭޕާކު ފައިސާއިން މަންފާ ހޯދާފައިވާކަމުގެ ހެކި ލިޔެކިޔުމުން ވެސް އެއާއިލާ އަތުގައި އެބަ ހުއްޓެވެ.
މި ވާހަކަތައް ތިލަކުރުމުން މަންޑޭއަށް ދީފާނެ ގެއްލުމަކާ މެދުވެސް އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ހާމަކޮށް އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މި ވާހަކަތައް ތިލަކުރުމުން މަންޑޭއަށް ޖަލު ތެރެއިންވެސް ސަރުކާރުން އަނިޔާކޮށް ގެއްލުންދީފި ނަމަ ސަރުކާރާ ގުޅުން ހުރި ހުރިހާ އެންމެންގެ ވަނަވަރާއެކު ލިޔެކިޔުމުން ހެކި މުޅި ރާއްޖެއަށް ތިލަކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން މޫސާ އަލީ ޖަލީލުގެ ބަހެއް ހޯދާލަން ޗެނަލް13އިން ވަޓްސް އަޕް މެދުވެރިކޮށް ގުޅާ މެސެޖުކުރުމުން ވެސް މުސާ ޖަމީލު ޖަވާބެއް ދީފައިނުވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކޭޕާކު މައްސަލައިގައި މަންޑޭއަށް ހުކުމްކުރިއިރު، ހަންބޯ ކޮމްޕެނީގައި ވިޔަފާރީގައި އުޅުނު އަބްދުލް ނާފިއު މުހައްމަދަކީ މިއަދުގެ ސަރުކާރުގައި އެޗްޑީސީގެ ޑިރެކްޓާރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ މަގާމުުގައި ހުރި މީހެއްކަންވެސް ފާހަގަކޮށްލެވެއެވެ.
އެޗްޑީސީގެ ރިއަލް އެސްޓޭޓް މެނޭޖްމަންޓް އަދި ޕްރޮޕަޓީ މެނޭޖްމަންޓް ބައިގެ ޖެނެރަލް މެނޭޖަރަކަށް ކުރިން ނާފިއު ހުރިއިރު ކުރިން އޭނާ ސަސްޕެންޑުކޮށް މައްސަލަ ބެލި ނަމަވެސް ފަހުން މައްސަލަ ވަނީ އޮއްބާލާފައެވެ.








