March 1, 2026
Advertisement
މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު"، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް: ރައީސް ޔާމީން
މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު"، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް: ރައީސް ޔާމީން / ތޭރަ އޮންލައިން

މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު"، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 1, 2026, 05:23 PM
މާލެ ސިޓީ

މާލެއަކީ މުޅި ރާއްޖޭގެ "މޫނުބަލާ ލޯގަނޑު" ކަމަށާ، މާލޭގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ މިނިވަން ފިކުރެއްގެ މޭޔަރެއް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ މޭޔަރަލް ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުގެ ކެމްޕެއިން ހަރަކާތެއްގައި ހުކުރު ދުވަހުގެރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، މާލެއަކީ ވެރިކަން ކުރާ ރަށަށް ވާތީ އަދި މުޅި ރާއްޖޭގެ މޫނުބަދަލު ލޯގަނޑަށް ވާތީ ތަނުގައި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ދައްކާ މީހަކު މޭޔަރު ކަމަށް ހޮވައިގެން އެކަންކަން ހައްލެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ ރައީސް މުއިއްޒުގެ އަޅެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ،  އޭނާއަކީ ރައީސް މުއިއްޒުގެ ފައިތިލަ މަތިން ހިނގާ "އަޅެއް" ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަކީވެސް ރައީސް މުއިއްޒުގެ "ޕްރޮކްސީ" އެއް ކަމަށް ސިފަކުރައްވައި، އޭނާގެ އާއިލީ ކުންފުނި އާރުސީސީ މެދުވެރިކޮށް ދައުލަތުގެ މުއްސަނދިކަން ވަކި ބައެއްގެ ޖީބަށް ވަންނަ ގޮތަށް ކަންކަން ހިނގަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ދައްކާ ނުވަތަ ރައީސް މުއިއްޒަށް  ބައިއަތު ހިފާ މީހަކު މޭޔަރު ކަމަށް ގެނެސްފި ނަމަ ކުރިން ހުރި އެއްވެސް މައްސަލައެއް ކައުންސިލް ތެރެއިން ނުބެލޭނެ ކަމަށެވެ. އެއީ ތަނުގައި ގިނަ ވާނީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ހިންގާފައި ހުރި ޖަރީމާތައް ކަމަށްވުމުން އެކަންކަން ސިއްރުކުރަން އެ ފަޅިން އަންނަ މީހަކު މަސައްކަތްކުރާނެތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވެ، ބިންތަކާއި ޕާކިން ސްލޮޓްތަކުގެ އިތުރުން ކަނޑުއަޑީގެ ވެލިވެސް ވިއްކަމުންދާ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެއްޖެ ނަމަ މި ސަރުކާރުގެ އެކަކުވެސް ސަލާމަތް ނުވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved