ޔޫކްރެއިންގެ އިރުމަތީ ސަރަހައްދެއްގައި ކުންފުންޏެއްގެ މުވައްޒަފުން ދަތުރުކުރި ބަހަކަށް އަމާޒުކޮށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި 12 މީހުން މަރުވެފައިވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލަކު ބުނެފިއެވެ.
ޕަވްލޯގްރޭޑް ޑިސްޓްރިކްޓަށް ދިން މި ހަމަލާގައި އިތުރު ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް، އެ ސަރަހައްދުގެ އަސްކަރީ އިދާރާގެ އިސްވެރިޔާ އޮލެކްސަންޑްރާ ގަންޒާ ޓެލެގްރާމްގައި ވަނީ ހިއްސާ ކޮށްފައެވެ.
ގަންޒާ އިތުރަށް ވިދާޅުވީ، މި ހާދިސާގެ ތަފްސީލުތައް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އެ ސަރަހައްދުގައި މިހާރުވެސް ވައިގެ ހަމަލާއަކަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.
ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ 'ޑީ.ޓީ.އީ.ކޭ' އިން ބުނި ގޮތުގައި، އެ އުޅަނދަކީ އެ ސަރަހައްދުގެ މައިންއެއްގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުން އުފުލަމުންދިޔަ ބަހެކެވެ. އަދި މިއީ ސީދާ އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.
ޔޫކްރޭންގެ އެންމެ ބޮޑު އަމިއްލަ ހަކަތަ އުފައްދާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުން މަސައްކަތުގެ ޝިފްޓް ނިންމާލުމަށްފަހު ދަތުރުކުރަނިކޮށް ދިން ހަމަލާއެއްގައި 15 މީހަކު ވަނީ މަރުވެފައެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން އެހެން ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު ޒަޚަމްވެފައިވަނިކޮށެވެ.
ޒަޕޮރީޜިއާގައި ހުންނަ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ހަ މީހަކު ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ހަމަލާ ދިން ވަގުތު ޑޮކްޓަރަށް ދައްކަމުންދިޔަ ދެ އަންހެނުންވެސް ހިމެނެއެވެ.