ޓެކް ޖަޔަންޓް ގޫގުލް އިން ވަނީ އެ ކުންފުނިން ސްޕޮންސަރ ކުރި އިސްރާއީލުގެ ޓެކް އިވެންޓެއްގައި ގޫގުލް އިސްރާއީލުގެ ވެރިޔާއާ ދެކޮޅަށް މުޒާހަރާ ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެވެ. މި މުވައްޒަފު ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގައި ގޫގުލްގެ ހިއްސާ އޮތް ކަމަށް ތުހުމަތުކޮށްފައެވެ.
މި ހަފްތާގެ ކުރީކޮޅު ނިއުޔޯކް ސިޓީގައި ބޭއްވި އިވެންޓުގައި ގޫގުލް އިސްރާއީލުގެ ވެރިޔާ ބަރަކް ރެގޭވް ދިން ކީނޯޓުގައި އެ މުވައްޒަފު ތެދުވެ ބުނީ "ނަސްލު ނައްތާލަން ޓެކްނޮލޮޖީ އުފައްދަން އަހަރެން ދެކޮޅު ހަދަން" ކަމަށެވެ.
އެ މުވައްޒަފު ވަކިން ހާއްސަކޮށް ގޫގުލް އާއި އެމެޒޯން އިން އިސްރާއީލާއި އެގައުމުގެ އަސްކަރިއްޔާއަށް ކްލައުޑް ކޮމްޕިއުޓިން ހިދުމަތް ފޯރުކޮށްދިނުމަށް 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާ ޕްރޮޖެކްޓް ނިމްބަސް އަށް ފާޑުކިޔައިފި އެވެ.
"ޕްރޮޖެކްޓް ނިމްބަސް ފަލަސްތީނުގެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލަނީ،" ކްލައުޑް ސޮފްޓްވެއާ އިންޖިނިއަރު ހަޅޭއްލަވައިގަތެވެ.
ގޫގުލްގެ ތަރުޖަމާނަކު މިޑިލް އީސްޓް އައި އަށް ވިދާޅުވީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ "ކުންފުނިން ސްޕޮންސަރ ކުރާ ރަސްމީ އިވެންޓަކަށް ހުރަސް އެޅުމުގެ ސަބަބުން" ކަމަށެވެ.
"މި ސުލޫކަކީ އޯކޭ ކަމެއް ނޫން، މައްސަލައަށް ބެލުމެއް ނެތި، އަދި އެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އަޅުގަނޑުމެންގެ ސިޔާސަތުތަކާ ހިލާފުވެގެން،" ތަރުޖަމާނު ވިދާޅުވި އެވެ.
މިޑިލް އީސްޓް އައި އިން ގޫގުލް އިން އެ މުވައްޒަފު ހިލާފުވީ ކޮން ސިޔާސަތުތަކެއްތޯ ސުވާލު ކުރި ނަމަވެސް މ ޖަވާބެއް ނުލިބެ އެވެ.
މިކަމާ ގުޅިގެން ނޯ ޓެކް ފޯ އެޕާތެއިޑް ޖަމިއްޔާއިން ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅިގެން މިނިވަންކޮށް ވާހަކަ ދެއްކުމަށް ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް ގޫގުލް އަށް ފާޑުކިޔައި ބަޔާނެއް ނެރެފަ އެވެ.
"ގޫގުލް އިން ވަނީ އެމީހުންގެ މަސައްކަތުގެ ޝަރުތުތަކާއި ގަވާއިދުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން އަމިއްލަ މުވައްޒަފަކާ ދެކޮޅަށް ބަދަލު ހިފުމުގެ ސާފު އަމަލެއް ހިންގާފައި،" އެ ގްރޫޕުން ނެރުނު ބަޔާނެއްގައިވެ އެވެ.
މި ގްރޫޕުގެ ބަޔާނުގައިވާ ގޮތުން، ގޫގުލްގެ ހިޔުމަން ރިސޯސް އިން މި މުވައްޒަފުގާތު އޭނާ ވަޒީފާއިން ވަކިކުރާތީ ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ "ނަސްލު ނައްތާލުމުގައި ބައިވެރި ވާން ދެކޮޅު ހެދުމުން ވަޒީފާއިން ވަކިކުރާތީ ހިތްހަމަ ޖެހޭ " ކަމަށް ބުނެފައިވާ ކަމަށެވެ.