ހޭޓީގެ ގޭންގްތަކުން ވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑައުންޓައުން ޕޯޓްއޯ ޕްރިންސާއި ކައިރީގައި ހުރި ސަރުކާރުގެ އެތައް އިމާރާތަކަށް ވަރުގަދަ ހަމަލާތައް ދީފަ ކަމަށް އެ ކުރިމަތިލުންތަކުގައި ބައިވެރިވި ގާނޫނު ތަންފީޒުކުރާ މަސްދަރަކުން ބުނެފި އެވެ.
މަސްދަރުން ބުނެފައިވަނީ ކޯޑިނޭޓްކޮށް އަވަސް ހަމަލާއެއް ދިން ކަމަށާއި އެކި ޖަމާއަތްތަކުން އެއްފަހަރާ ރިޔާސީ ގަނޑުވަރާއި އިންޓީރިއާ މިނިސްޓްރީ އަދި ޕޯޓްއޯ ޕްރިންސް ހިމެނޭ ހޭޓީގެ ހުޅަނގު ޑިސްޓްރިކްޓްގެ ފުލުހުންގެ މައި މަރުކަޒެއް ހިމެނޭ ގޮތަށް ސަރުކާރުގެ އެތައް އިމާރާތަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.
އޭބީސީ ނިއުސް އިން ވަނީ ބަޑިޖެހުމާއި ބޮޑެތި ގޮވުންތައް އަޑު އިވިފައިވާ ބައެއް މީހުންނާ ވާހަކަ ދައްކާފައެވެ. ފުލުހުންނާ ދެކޮޅަށް ގޭންގުތަކުން ވަރުގަދަ ހަނގުރާމައެއް ކުރާއިރު އެތައް ސަތޭކަ ބަޔަކު އެ ސަރަހައްދުން ފިލައިގެން ވަނީ ގޮސްފައެވެ.
ނަމަވެސް ފަހުން ހަމަލާ ކުޑަވަމުން ގޮސް ގޭންގް މެމްބަރުން ފަހަތަށް ޖެހެން ފަށާފައިވާ ކަމަށާއި ރޭގަނޑަށް ހަމަލާތައް ނިންމާލިކަމެއް ސާފު ނުވާ ކަމަށެވެ.
އެ މަސްދަރުން ބުނީ ގާތްގަނޑަކަށް ދިހަވަރަކަށް ގޭންގް ފައިޓަރުން މަރުވެފައިވާ ކަމަށާއި ނަމަވެސް އެ އަދަދު ފުރިހަމައަށް ކަށަވަރު ނުވާ ކަމަށެވެ. އަދި ފުލުހުންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޖުލައި 2021 ގައި ރައީސް ޖޮވެނެލް މޮއިސޭ އަވަހާރަކޮށްލި ފަހުން ރިޔާސީ ގަނޑުވަރުގައި ހޭޓިއަންގެ އެއްވެސް ރައީސަކު ދިރިއުޅެފައި ނުވާއިރު، 2010 ވަނަ އަހަރު އައި ބޮޑު ބިންހެލުމެއްގައި ކޮމްޕްލެކްސްގެ ބޮޑެތި ބައިތައް ހަލާކުވެ، އޭގެ ބޮޑު ބައެއް މުޅިން ބޭނުން ނުކުރެވެއެވެ.
ގޭންގް ކޮންޓްރޯލުގެ ދަށަށް ގަނޑުވަރު ވެއްޓިއްޖެނަމަ، އެއީ އޯގަނައިޒްޑް ކްރައިމް އާއި އެގައުމުގައި ހިނގަމުންދާ ބަޣާވާތާ ދެކޮޅަށް ހޭޓީން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ރަމްޒީ ގެއްލުމެކެވެ.
މިދިޔަ ހަފްތާގެ މެދުތެރެއިން ފެށިގެން ހޭޓީގައި ފާޅުގައި ބަޣާވާތް ކުރަމުން އަންނައިރު، ހޭޓީގެ އެންމެ ބާރުގަދަ ގޭންގުތައް އެއްބައިވަންތަވެ ސަރުކާރުގެ މުއައްސަސާތަކަށް ސިލްސިލާ ހަމަލާތަކެއް ދީފައިވެ އެވެ. ހޭޓީގެ އެކްޓިން ބޮޑުވަޒީރު އެރިއެލް ހެންރީ ހަމަލާތައް ފެށުނު އިރު ގައުމުން ބޭރުގައި ހުންނެވި އިރު އޭނާއަށް އެނބުރި ދެވޭ ގޮތެއް ނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދަނީ ގޭންގުތަކުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައްޔިތުން ހޭޓީ ދޫކޮށް ދިއުމަށް އަންގަމުންނެވެ.