އިންޑިއާގެ އެތައް ރައްޔިތެއް އޮޅުވާލައިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރިމާ ހަނގުރާމައިގައި ބައިވެރި ކުރުވި ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ. މީގެ ތެރެއިން މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް އެމީހުންގެ އާއިލާތަކުން މީޑިއާތަކަށް މައުލޫމާތު ދިނެވެ.
އިންޑިއާ ސަރުކާރުން ހުކުރު ދުވަހު ބުނީ އެ މައްސަލަ ރަޝިޔާ ސަރުކާރާ ހުށަހަޅާފައިވާ ކަމަށާއި އެ ސްކީމްގައި ޖެހިފައިވާ އިންޑިއާ ރައްޔިތުން ދޫކޮށްލުމަށް އެދިފައިވާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ސްކީމާ ގުޅިގެން އެގައުމުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުރާސްފަތި ދުވަހު "ހިއުމަން ޓްރެފިކިންގެ ބޮޑު ނެޓްވޯކެއް" އަތުލައިގެންފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ބުނީ ރަޝިޔާގެ ސިފައިންގެ ޑެލިވަރީ ބޯއީންނާއި ހެލްޕަރުންގެ ވަޒީފާގެ ބަހަނާގައި ގާތްގަނޑަކަށް ތިން ޑަޒަން ފިރިހެނުން ރަޝިޔާގެ އަސްކަރީ ޚިދުމަތަށް 'ލޯބި ޖައްސުވާފައިވާ' ކަމަށާއި އެމީހުން ކުރީ ސަފުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އަދި ރަޝިޔާއިން ސަރުކާރުގެ ރަސްމީ ކާޑެއް ދޫކުރާނެ ކަމަށާއި އެ ކާޑުގެ ސަބަބުން ދާއިމީ ގޮތެއްގައި ރަޝިޔާގައި ދިރިއުޅޭނެ ކަމުގެ ޔަގީންކަން ވެސް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އުމުރުން 30 އަހަރުގެ މުހައްމަދު އަސްފާން މަރާލާފައިވަނީ މިދިޔަ މަހު ކުރީ ސަފުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރަޝިޔާއަށް ދަތުރުކޮށްފައެވެ. އަސްފާންގެ އާއިލާއިން ބުނީ ރަޝިޔާ ސިފައިންނަށް އެހީތެރިވާން ޖެހޭ ކަމަށާއި ފްރަންޓް ލައިނަށް ނުފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މޮސްކޯގައި ހުންނަ އިންޑިއާ އެމްބަސީން އަސްފާން މަރުވިކަން ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދިން ނަމަވެސް އޭނާ މަރުވި ގޮތާ ބެހޭ ގޮތުން ދީފައިވަނީ މަދު ތަފްސީލެކެވެ. އޮފިޝަލުން ބުނީ އޭނާގެ ހަށިގަނޑު އަނބުރާ އިންޑިއާއަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގެ އެހެން ރައްޔިތެއް ކަމަށްވާ ހެމަލް އަޝްވިންބައި މަންގުކިޔާ، 23، ޔޫކްރޭންގެ ވައިގެ ހަމަލާއެއްގައި މަރުވީ ޑޮނެޓްސްކްގައި ރަޝިޔާ ސިފައިންގެ "ސެކިއުރިޓީ ހެލްޕަރ" އެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން މީޑިއާގައި ހާމަކުރިއެވެ. އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހު ރަޝިޔާއަށް ދަތުރުކޮށްފައެވެ.
އިންޑިއާ ސަރުކާރުން ވަނީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް މި ހަމަނުޖެހުންތަކާ ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.